Last Updated: April 20, 14:49
Saturday, April 20, 2024
ޚަބަރު

ރާއްޖެއަށް ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީއެއް މުހިންމު!

ރާއްޖެއަކީ ދައުލަތުގެ މުހިންމު މުވައްސަސާތައް އަދިވެސް އުފެދެމުންދާ ޅަފަތުގައި ފުރިހަމަވަމުން އަންނަ ގައުމެކެވެ. ކޮންމެ އަހަރަކުވެސް އަލަށް ކޮންވެސް މުވައްސަސާތަކެއް އުފައްދަމުންދާތަން ފެންނަ ގައުމެކެވެ. މި ހުރިހާ މުވައްސަސާތަކަކީވެސް ދައުލަތެއްގެ ގޮތުގައި ކުރިއަށް ދިއުމަށް މުހިންމު ތަންތަނެވެ. ދައުލަތުގެ މުހިންމު މަސައްކަތްތަކެއް ހަވާލުކުރެވިފައިވާ ތަންތަނެވެ.

ބައެއްތަންތަން އުފެއްދުމަށް ހިޔާލު އަންނަ ހިސާބަކީ ދިމާވާ ހާދިސާތަކުގެ ސަބަބުން ކުރިއަށް ދިއުމަށް ހުރި އުނދަގޫތަކެއް އިހުސާސްކުރެވެމުންނެވެ. އަނެއްބައި ތަންތަނަކީ ވަކި ދާއިރާއަކަށް މުހިންމުވެގެން ކޮންމެހެން އުފައްދާންޖެހޭ ތަންތަނެވެ. ދެންހުރި ތަންތަނަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގެ ސަބަބުން އަދި މިނޫންވެސް ސަބަބުތަކާހެދި ކޮންމެހެން އުފެއްދުމަށް ލާޒިމުވެގެން އުފައްދާ ތަންތަނެވެ. ކޮންމެ ގޮތަކަށް އުފައްދަންޖެހުނަސް މިފަދަ މުވައްސަސާތަކުގެ ސަބަބުން ރާއްޖެއަށް ކުރަމުންދާ މަންފާތައް ގިނަކަމަށް ފެނެއެވެ.

ރައީސް ނަޝީދުއަށް އަމާޒުކުރެވިގެން ދެވުނު ޓެރެރިސްޓް ހަމަލާއާއި ގުޅިގެން މިދުވަސްކޮޅު އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަކީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް މަސައްކަތް ފެއިލްވެފައިވާ ވާހަކައެވެ. ބައެއް ސަލާމަތީ ހިދުމަތްތަކުގައި އިންޓެލިޖެންސް މަސައްކަތްކުރުމަށް ޑިޕާޓްމަންޓްތައް ހެދިފައިއޮތަސް އެކަށީގެންވާ މަސައްކަތް ނުކުރެވޭ ވާހަކަ ރައްޔިތުންގެ ތެރޭގައި ވަރަށް ގަދައަށް ދެކެވުނެވެ.

ފުރިހަމަ އިންޓެލިޖެންސް މަސައްކަތްތަކެއް ކުރުމަށް މަގު ކޮށިގެން ދާނީ އިންޓެލިޖެންސް މަސައްކަތްތަކަށް މަރުކަޒީ ވަކި މުވައްސަސާއެއް އުފެދިގެން ކަމަށް ގަބޫލުކުރެވޭ ވަރަށްގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ދުނިޔޭގެ ހުރިހާ ދިމާލަކުން ބެލިޔަސް މިކަން އިންތިޒާމު ކުރެވިފައިވަނީ މި ގޮތަށެވެ.

އެ ގައުމަކަށް ގައުމުން ބޭރުން ކުރިމަތިވެދާނެ ނުރައްކާތަކާއި، އަދި ގައުމުގެ އެތެރޭގައި ހިނގާ ކަންކަމުން ގައުމީ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަނެ ފިޔަވަޅުއެޅުމަށް މަގުފަހިކޮށްދެނީ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ. ޓެރެރިޒަމްގެ ނުރައްކާތަކާއި، މަނީ ލޯންޑަރިންގ އަދި ހިއުމަން ޓްރެފިކިންގ ފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް ދުނިޔޭގެ ހުރިހާ ދިމާލެއްގައި އަދާކުރަނީ އިންޓެލިޖެންސް އޭޖެންސީތަކުންނެވެ.

ރާއްޖޭގައި މިހާތަނަށް އިންޓެލިޖެންސް މަސައްކަތްކުރަނީ މައިގަނޑު ތިން މުވައްސަސާއަކުންނެވެ. މިގޮތުން އެމްއެންޑީއެފް އިންޓެލިޖެންސް ، ފުލުހުންގެ އިންޓެލިޖެންސް އަދި އެމްއެމްއޭ ދަށުން ހިންގާ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓް ހިމެނެއެވެ. މި ދެންނެވުނު ތަންތަނަކީ ރާއްޖޭގައި އިންޓެލިޖެންސް މައުލޫމާތުތައް އެއްކޮށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ އޮތް ފަރާތްތަކެވެ. ނަމަވެސް މިހުރިހާ މުވައްސަސާތަކަކީވެސް އެހެން ވަރަށްގިނަ މަސައްކަތް މަތިކުރެވިފައިވާ ތަންތަނެވެ. އަދި މި އިން އެއްވެސް މުވައްސަސާއެއްގެ މައިގަނޑު މަސައްކަތަކީ އިންޓެލިޖެންސް މަސައްކަތްކުރުން ނޫންކަމަށްވުމުން އެފަދަ މަސައްކަތްތަކަށް ދޭންޖެހޭ އަހައްމިއްޔަތުކަން ނުދެވިދާނެކަމަށް ބެލެވެއެވެ.

މިހާރު އަމަލުކުރެވެމުންދާ ފުލުހުންގެ ގާނޫނުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރެވުނުއިރު މަރުކަޒީ އިންޓެލިޖެންސް ވުޒާރާއެއްގެ ވާހަކަ ކޮންމެވެސް ވަރަކަށް ދެކެވުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިފަދަ ހިޔާލުތައް ދައުލަތުގެ މުވައްސަސާތަކުގެ ތެރޭގައި ހުރިކަމަށް ބެލެވެއެވެ. މިހާރު އިންޓެލިޖެންސް މަސައްކަތްކުރާ މައިގަނޑު ދެ މުވައްސަސާ ކަމުގައިވާ އެމްއެންޑީއެފް އަދި ޕޮލިސް އިންޓެލިޖެންސްގެ މެދުގައި ވާދަވެރިކަމެއް އުފެދިފައިވާ ވާހަކަވެސް މިވަނީ ކޮންމެވެސް ވަރަކަށް ތިލަވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖުވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އަދި މަރުކަޒީ އިންޓެލިޖެންސް ވުޒާރާއެއްގެ މުހިންމުކަންވެސް ސިރާޖުވަނީ ފާހަނގަ ކުރައްވާފައެވެ.

މައުލޫމާތުހުރި ބައެއް ފާރަތްތަކުން ވިދާޅުވާގޮތުގައި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ފާހަގަކުރެއްވި ކަންކަމަކީ ހަގީގަތުގައިވެސް އެކަން ހިނގަމުންދާގޮތެވެ. އަދި މިއީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައިވެސް މިކަން ހިނގަމުން އަންނަގޮތްކަމަށްވެއެވެ. އެހެންކަމުން މިހާރު ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުން ކުރާ އިންޓެލިޖެންސް އެއްކުރުމުގެ މަސައްކަތް ކޯޑިނޭޓްކޮށްގެން ނަތީޖާ ނެރެވިދާނެ ގޮތަކަށް ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ. މިކަން މިހެން އޮތުމުގެ ސަބަބުން މުސްތަގުބަލުގައި ބޮޑެތި ގެއްލުންތަކެއް ގައުމަށް ކުރިމަތިވުމަކީ ގާތްކަމެކެވެ.

ރައީސް ސޯލިހު ފުލުހުންނާއި ބައްދަލު ކުރެއްވުމަށް އިސްކަންދަރުކޮށިއަށް ވަޑައިގަންނަވަނީ.

މިފަދަ ކަންކަމުން ސަލާމަތްވުމަށް އޮތް ހަމައެކަނީ މަގަކީ މަރުކަޒީ އިންޓެލިޖެންސް ވުޒާރާއެއް އަވަހަށް އުފެދިގެން އައުމެވެ. އަދި އެފަދަ އިންޓެލިޖެންސް ވުޒާރާއަކީ ޤާނޫނު ތަންފީޒުކުރާ އެހެހެނިހެން ވުޒާރާތަކަށްވެސް އެއްބާރުލުންދީގެން އިންޓެލިޖެންސް މަސައްކަތް ގައުމީ ފެންވަރުގައި ކުރާނެ ތަނަކަށް ވާންވާނެއެވެ. އަދި މިފަދަ ވުޒާރާއެއް އުފެއްދުމުން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް މަސައްކަތް ކޮންމެހެން ހުއްޓުން އަރާކަށްވެސް ނުޖެހޭނެއެވެ. އެ ދެމުވައްސަސާގެ ބޭނުމަށް އިންޓެލިޖެންސް މަސައްކަތް އަމިއްލައަށް ކުރުމަކީ މައްސަލައެއް ނޫނެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ބޮޑެތި ޖިނާއީ ކުށްތަކާއި، ބޭރުގެ ފަރާތްތަކުގެ ނުފޫޒު ވަދެފައިވާ ރޭވިގެން ހިންގޭ، އަދި ހިންގުމަށް ރާވަމުންދާ ނިރުބަވެރި ހަރަކާތްތަކަކީ މިފަދަ ވަކި މުވައްސަސާއަކުން ފާރަވެރިވެގެން ނޫންގޮތަކަށް މަތަ ކުރެވިދާނެ ކަންކަން ކަމަކަށް ނުބެލެވެއެވެ.

ނެޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ނަމުގައި ސެންޓަރެއް މިހާރުވެސް ހިންގަމުން އެބަދެއެވެ. ނަމަވެސް ފެންނަ ފެނުމުގައި އެ ސެންޓަރުގެ މަސައްކަތަކީ އެމްއެންޑީއެފް ޔުނިޓްއެއްގެ ގޮތުގައި ހިނގަމުންދާ ތަނެކެވެ. ރާއްޖޭގައި ޓެރެރިޒަމްގެ ބިރުވެރިކަން ފެތުރިފައިވާ މިންވަރަށް ބަލާއިރު އެފަދަ މުވައްސަސާއެއްގެ ހަރަކާތް ހުންނަންޖެހޭ ގޮތަށް ހުރިކަމަކަށް ގިނަބަޔަކު ގަބޫލެއްނުކުރެއެވެ. މިފަދަ މުވައްސަސާތަކުގެ މަސައްކަތްވެސް ބިނާވެފައިވާނީ އެއްކުރެވޭ މައުލޫމާތުތަކުގެ މައްޗަށްކަމުން، އަދި އެކަށީގެންވާގޮތަށް އެކަން ނުކުރެވުމުން ވެގެންއުޅޭ ގޮތަކަށްވެސް ވެދާނެއެވެ.
މިފަދަ ހުރަސްތަކުން އަރައިގަތުމަށް މަރުކަޒީ އިންޓެލިޖެންސް އޭޖެންސީއެއް އުފައްދައި އެ ތަނަކީ ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާތަނެއްގެ ގޮތުގައި އޮތުމަކީ ރާއްޖެއަށް މި ވަގުތަށް ކިތަންމެހާވެސް މުހިންމު ކަމެއްގެ ގޮތުގައި ފެނެއެވެ.

އަދި މިއީ ދުނިޔޭގެ ހުރިހާ ދިމާލެއްގައިވެސް މިފަދަ މަސައްކަތްތަކަށް އެކަށަ އެޅިފައިވާ ނިޒާމެވެ.