Last Updated: April 20, 14:49
Saturday, April 20, 2024
ދުނިޔެ

ނަތަންޔާހޫ އަށް ބޮޑު ވަޒީރުކަން ގެއްލެނީ

އިޒްރޭލުގެ އިދިކޮޅު ފަރާތްތަކުން އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކާމިޔާބުވުމާ ގާތްވެ، އެގައުމުގެ ބޮޑު ވަޒީރުގެ މަގާމު ބެންޖަމިން ނަތަންޔާހޫ އަށް ގެއްލުމާ ގާތްވެއްޖެއެވެ.

އިޒްރޭލުގައި މިދިޔަ މާޗް މަހު އޮތް އާންމު އިންތިހާބުން ނަތަންޔާހޫގެ ލިކޫފް ޕާޓީ އަށް މެޖޯރިޓީ ހޯދިފައެއް ނުވެއެވެ. އެއާއެކު ނަތަންޔާހޫ އަށް ވަނީ ކޯލިޝަނެއް ސަރުކާރެއް އެކުލަވާލަން މުހުލަތެއް ދީފައެވެ. ނަމަވެސް އެ މުހުލަތު ހަމަވިއިރު ވެސް ނަތަންޔާހޫ އަށް ޕާޓީތަކާއެކު ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު މިހާރު ލިބިފައިވަނީ އިދިކޮޅު ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔެއާ ލަޕިދް އަށެވެ. އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ލަފިދް އަށް ދީފައިވާއިރު ރޭގެ ވަގުތެއްގައި އިޒްރޭލުގެ އިދިކޮޅު އަނެއް ބޮޑު ޕާޓީ ކަމަށްވާ އަލްޓްރާ ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް ވަނީ ލަފިދް އާއެކު އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ފަށާނެކަން ހާމަކޮށްފައެވެ.

އިޒްރޭލުގެ އެންމެ ބޮޑު އިދިކޮޅު ދެ ޕާޓީން ސަރުކާރެއް އެކުލަވާލުމަށް އެއްބަސްވުމަކަށް އަތުވެއްޖެނަމަ ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެއެވެ. އެގޮތުން އިޒްރޭލުގެ 120 މެމްބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ މުހިއްމު ހަ ގޮނޑިއެއް ބެނެޓްގެ ޔަމީނާ ޕާޓީއަށް ލިބިފައިވެއެވެ. އެ ހަ ގޮނޑިއާއެކު ގާނޫނު ހަދާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އިޒްރޭލުގެ އިދިކޮޅު ފަރާތްތަކަށް ލިބޭނެއެވެ.

12 އަހަރު ވަންދެން އިޒްރޭލުގެ ވެރިކަމުގެ މަގާމުގައި ހުންނެވި ނަތަންޔާހޫ އަށް މަގާމު ގެއްލެން ގާތް ވެފައިވާއިރު އޭނާގެ މައްޗަށް އަންނަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ވެސް ކުރަމުންނެވެ.