Last Updated: March 29, 17:30
Friday, March 29, 2024
ރިޕޯޓް

ސަލާމަތީ ބާރުގެ ސިއްރު މައުލޫމާތު "ލީކު" ކުރުން ބޮޑު މައްސަލައެއް!

ދައުލަތުގެ ސިއްރު މައުލޫމާތު، ހާއްސަކޮށް ގައުމީ ދިފާއީ ބާރުގެ މުހިއްމު މައުލޫމާތު ހާމަ ކުރުން ނުވަތަ ލީކު ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ މޭއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ޓެރަރިސްޓު ހަމަލާއަށް ފަހު ގައުމީ ދިފާއީ ބާރުގެ ތެރޭގައި ބޮޑެތި ބާގަޑުތައް ހެދިފައިވާ ކަމުގެ ތުހުމަތުތައް ދަނީ އިތުރުވަމުންނެވެ. އިންޓަލިޖެންސާއި، ސެކިއުރިޓީ ދިނުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމުގެ ވާހަކައަކީ މިހާރު އެންމެ ހޫނު ގަދަ އެއް ބަހުސްއެވެ.

މި ބަހުސްގެ ތެރެއިން މިހާރު އަނެއްކާވެސް މިވަނީ އާ މައްސަލައެއް ފެންމަތިވެފައެވެ. ރައީސް ނަޝީދުގެ ސެކިއުރިޓި އާއި ގުޅޭ ގޮތުން ސިފައިންގެ އެންމެ މަތީ ވެރިން ރައީސް ނަޝީދު އާއި އެކު ބައްދަލުކޮށް ހިއްސާ ކުރައްވާފައިވާ މައުލޫމާތު މިވަނީ މީޑިއާއަށް ތިލަވެފައެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީ އާއި ގުޅޭ ގޮތުން އެމްއެންޑީއެފްއިން ހަދާފައިވާ ރިޕޯޓުތަކުގެ މުހިއްމު މައުލޫމާތު މިވަނީ ފިލިން ފިއްޔަށް އާއްމުވެފައެވެ. މިއާއި އެކު މި މައްސަލަ މިވަނީ ގައުމީ ސަލާމަތަށް ނުރައްކާ މައްސަލައެއްގެ ގޮތުގައި މަޖްލިސްގެ 241 ކޮމެޓީން ބަލަން ފަށާފައެވެ.

މަޖްލިސްގެ 241 ކޮމެޓީން މި މައްސަލަ ބަލަން ފެށުމުން މީޑިއާތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށާފައެވެ. މީޑިއާގެ ކަންބޮޑުވުމަކީ އެ މައުލޫމާތު ހާމަ ކުރި ނޫސްވެރިޔާ އަށާއި ނޫސް އިދާރާގެ މައްސަލަ ބަލާފާނެތީއެވެ. އެއީ ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިފައިވާ ހައްގަކަށް އަރައިގަތުމެކެވެ. ނަމަވެސް މަޖްލިސްގެ 241 ކޮމެޓީން ވަނީ ނޫސްވެރިޔާގެ މައްސަލަ ބެލުމަށް އެ ކޮމިޓީން ވިސްނާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި މައްސަލައިގައި ބަލާނީ މައުލޫމާތު ލީކުވި ގޮތް ކަމަށް ކޮމެޓީން ވަނީ ބުނެފައެވެ.

ސިފައިންގެ ސިއްރު މައުލޫމާތު ލީކު ކުރުމަކީ ކުށެއް!

ސިފައިންގެ ވަޒީފާ އަދާ ކުރުމުގައި ލިބޭ މައުލޫމާތެއް ހާމަ ކުރަން ނުޖެހޭ ފަރާތަކާއި ހިއްސާ ކުރުމަކީ ގާނޫނީ ކުށެކެވެ. ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް
މަޢްލޫމާތެއް ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ސިފައިންގެ އެންމެ މަތީ ވެރިޔާއަށާއި، މިނިސްޓަރަށާއި، އަދި ގައުމީ ސަލާމަތާއި ބެހޭ މަޖްލިސްގެ އިތުރުން ދެން ހާމަ ކުރެވޭނީ، ޗީފް އޮފް ޑިފެންސް ފޯސްއަށެވެ. މީގެ އިތުރުން ޤާނޫނު ތައް ހިންގާ ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސް ފަރާތްތަކާއި ހިއްސާ ކުރެވިދާނެއެވެ.

ހާމަވެފައި ހުރި ބައެއް މައުލޫމާތުތަކަކީ ސަލާމަތީ ބާރުގެ އެންމެ އިސް ފަރާތްތައް ބައިވެރިވެ ހިންގި ބައްދަލުވުންތަކެއްގައި ދައްކާފައި ހުރި ވާހަކަތަކެކެވެ. ސިއްރުތައް ނުހިފެހެއްޓި ލީކްވެގެން މިއައީ ސިފައިންގެ އެންމެ މަތިފަޑިންކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ. ރައްޔިތުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ މުއައްސަސާގެ އެންމެ އިސް ބޭފުޅުންގެ ތެރެއިން މިފަދަ މައުލޫމާތުތަކެއް ބޭރުވެގެން ދިއުމަކީ އެ މުއައްސަސާއާމެދު ގިނަ ރައްޔިތުން ސުވާލު އުފައްދާނެ ކަމެކެވެ.