ރާއްޖޭގައި ގޮދަން ފުއް ތައްޔާރުކުރަން ފެށުމުގެ ވިސްނުން ގެންގުޅޭ ކަމަށް އެސްޓީއޯ އިން ބުނެފިއެވެ.
އެސްޓީއޯ އިން މިއަދު ހަވީރު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ރާއްޖެ އަށް ގޮވާން އެތެރެކޮށްގެން، ގޮދަން ފުށް ތައްޔާރުކުރުމަށް ވިސްނުން ގެންގުޅޭ ކަމަށާއި އެކަން ކުރުމަށްޓަކާ ގޮދަން ފުށް ތައްޔާރުކުރާ ފެކްޓަރީއެއް ގާއިމު ކުރުމަށް ހަދަންޖެހޭ ދިރާސާތައް ވެސް ކުރަމުންދާ ކަމަށެވެ.
އަދި މިފަދަ ފެކްޓަރީއެއް ގާއިމު ކުރެވިއްޖެނަމަ ކާޑު އެތެރެކުރުމަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ ކަމަށް އަމްރު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ތަކެތި ރާއްޖޭގައި އުފައްދަންޖެހޭކަން ފާހަގަކުރައްވަމުން އަމްރު ވަނީ ދެމެހެއްޓެނެވި ގޮތެއްގައި ފުޑް ސެކިއުރިޓީ ގާއިމު ކުރުމަށް ވެސް އެއީ މުހިއްމު ކަމެއް ކަމަށް ވިދާޅުވެފައެވެ.
އަދި ކޮވިޑް-19 ގެ ސަބަބުން ވެސް ރާއްޖެ އަށް ފުޑް ސެކިއުރިޓީގެ ޔަގީންކަން ބޮޑު ކުރަން ޖެހިފައިވާ މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔަކަން ވެސް އަމްރު ފާހަގަކުރެއްވިއެވެ.
މިދިޔަ އަހަރު ކޮވިޑްގެ ނުރައްކާ ރާއްޖޭގައި ބޮޑުވެ، ބޯޑަރު ބަންދުކުރި ދުވަސްވަރު އެސްޓީއޯ އިން ވަނީ ރާއްޖެ ކާޑަށް ނުޖެހޭނެކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
އެސްޓީއޯގެ މިއަދުގެ އަހަރީ އާއްމު ޖަލްސާގައި ވަނީ މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާ އަކަށް 60 ރުފިޔާ ބަހަން ފާސްކޮށްފައެވެ. އަދި އަންނަ އަހަރު އެސްޓީއޯގެ ފަރާތުން އާއްމު ހިއްސާދާރުން ތަމްސީލް ކުރަން ހޮވާފައިވަނީ އައިމިނަތު ރުޝްމާ އެވެ.