Last Updated: July 10, 10:46
Thursday, July 10, 2025
ދުނިޔެ

ޗައިނާގައި ކޮންމެ އާއިލާއަކަށް ތިން ދަރިން ހޯދަން ހުއްދަ ދީފި

ޗައިނާގައި ކޮންމެ އާއިލާއަކަށް ވެސް ތިން ދަރިން ހޯދަން ހުއްދަ ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ޗައިނާގައި ކޮންމެ ދެމަފިރިއަކަށް ވެސް ހޯދޭނީ އެންމެ ދަރިއެއް ކަމަށް ކަނޑައަޅާފައި އޮތް ސިޔާސަތު 2016 ވަނަ އަހަރު އުވާލައި ވަނީ ދެ ދަރިން ހޯދުމުގެ ހުއްދަ ދީފައެވެ. އެގޮތަށް ބަދަލުކޮށްފައިވަނީ ޗައިނާގެ އާބާދީ އިތުރުވަމުން އަންނަ ދުވެލި މަޑުވަމުން ދިޔުމާ ގުޅިގެންނެވެ. ނަމަވެސް އެ ބަދަލާއެކު ވެސް މާބޮޑު ނަތީޖާއެއް ފެނިފައެއް ނުވެއެވެ.

އެގޮތުން ދާދިފަހުން ހެދި ބޯހިމެނުމުން ވެސް އާބާދީ އިތުރުވަނީ މަޑު ދުވަޔެއްގައި ކަމަށް ދައްކާފައިވާއިރު، މިދިޔަ އަހަރު ޗައިނާގައި އުފަންވެފައި ވަނީ 12 މިލިއަން ކުދިންނެވެ. އެއީ 1960 ގެ އަހަރުތަކަށް ފަހު އެންމެ މަދު އަދަދަކަށް ކުދިން އުފަންވި އަހަރެވެ.

ކޮންމެ އާއިލާއަކަށް ވެސް ތިން ދަރިން ހޯދުމުގެ ހުއްދަ ދޭން ޗައިނާގެ ރައީސް ޝީ ޖިންޕިން ނިންމީ ކޮމިއުނިސްޓް ޕާޓީގެ އިސް އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަކަށްފަހުއެވެ.

ޗައިނާގައި އާއިލާތަކަށް ދަރިން ހޯދޭނެ އަދަދު އެގައުމުގެ ސަރުކާރުން ކަނޑައަޅާތީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ފާޑުކިޔާފައެވެ. އެގޮތުން އެ ޖަމިއްޔާ އިން ވަނީ ދަރިން ހޯދޭނެ އަދަދު ކަނޑައަޅައި މީހުންގެ ހަޔާތުގައި ނިންމަން ހުންނަ ނިންމުންތަކަށް އަތް ބޭނުމުގެ ބަދަލުގައި އެ ނިންމުންތަކަށް އެގައުމުގެ ސަރުކާރުން އިހުތިރާމް ކުރުން މާ ބުއްދިވެރި ވާނެ ކަމަށް ބުނެފައެވެ.