ރެއާލް މެޑްރިޑްގެ ކޯޗުކަމުގެ މަގާމަށް، ކުރިން ވެސް އެ ޓީމަށް ކޯޗުކޮށްދިން ކާލޯ އެންޗެލޯޓީ ހަމަޖެއްސުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ރެއާލްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ޒައިނުއްދީން ޒިދާން ދާދިފަހުން އެ މަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. ރެއާލްގެ ކޯޗުކަން ޒިދާން ދޫކޮށްލުމުން އާ ކޯޗެއް ގެނައުމަށް ރެއާލް އިން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.
މީޑީއާ ރިޕޯޓުތައް ބުނާގޮތުން ރެއާލްގެ ކޯޗުކަމުގެ މަގާމާއި ހަވާލުވުން މިހާރު އެންމެ ގާތީ މިވަގުތު އެވަޓަންގެ ކޯޗުކަމުގެ މަގާމު އަދާކުރަމުންދާ އެންޗެލޯޓީ އެވެ. އެގޮތުން އެވަޓަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް އުވާލުމުގެ މަސައްކަތް އެންޗެލޯޓީގެ އެޖެންޓުން މިހާރު ކުރަމުންދާ ކަމަށާއި، އެންޗެލޯޓީ ރެއާލް އަށް އެނބުރި އައުން މިހާރު އޮތީ ވަރަށް ގާތުގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ރެއާލްގެ ކޯޗުކަމުގައި މީގެކުރިން އެންޗެލޯޓީ ހޭދަކުރި މުއްދަތުގައި އޭނާ ވަނީ އެ ކްލަބަށް ޗެމްޕިއަންސް ލީގަކާއި، ޔޫއެފާ ސުޕަ ކަޕާއި، ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސްޕެނިޝް ކަޕެއް ހޯދާދީފައެވެ.
އެންޗެލޯޓީ އެވަޓަންގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ އެވަޓަން މިދިޔަ ސީޒަން ނިންމާލީ ލީގުގެ 10 ވަނައިގައި އޮވެއެވެ.