Last Updated: June 23, 15:45
Wednesday, June 23, 2021
ޚަބަރު

ރާއްޖެ ޑެލިވަރީ ގެ "ޕިކަޕް އެންޑް ޑެލިވަރީ" ހިދުމަތް އައްޑޫއަށް

މާލެއިން ރާއްޖޭގެ އެކި ރަށްރަށަށް ފުޅާ ދާއިރާއެއްގައި ޑެލިވަރީ ހިދުމަތް ފޯރުކޮށްދެމުން އަންނަ "ރާއްޖެ ޑެލިވަރީ" އިން ކޮވިޑްގެ ހާލަތާއި ގުޅިގެން އައްޑޫގައި ފޯރުކޮށްދެމުންދާ ހިދުމަތްތައް ފުޅާކޮށްފިއެވެ. މިގޮތުން އެކުންފުނިންވަނީ ޕިކަޕް އެންޑް ޑެލިވަރީ ހިދުމަތް އައްޑޫގެ އަވަށްތަކުގައި ފަށައިފިއެވެ.

މިދުވަސްކޮޅު ކޮވިޑްގެ ހާލަތާއި ގުޅިގެން އައްޑޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ވަނީ ވަކި ވަގުތުތަކެއްގައި މަނާކުރެވިފައެވެ. މިކަމުގެ ސަބަބުން އާންމު ފަރާތްތަކާއި ވިޔަފާރިތަކަށް ގިނަ ދަތިތަކަކާވަނީ ކުރިމަތިލާންޖެހިފައެވެ.

ރާއްޖެ ޑެލިވަރީ ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާގޮތުން އެ ކުންފުނިން ކުރިން މާލޭގައި ފޯރުކޮށްދެމުން އައި ހުރިހާ ހިދުމަތްތަކެއް މިހާރު އައްޑޫ އިން ފޯރުކޮށްދިނުމަށް ވަނީ ފަށާފައެވެ. މިގޮތުން މާލެއެކޭ އެއްގޮތަށް "ޕިކަޕް އެންޑް ޑެލިވަރީ" ހިދުމަތް އައްޑޫގެ އަވަށް ތަކުގައި ފޯރުކޮށްދެވޭނެއެވެ. އަދި އައްޑޫ އިން މާލެއަށް ފޮނުވާ ކާގޯއަށްވެސް އެ ކުންފުނީގެ ޕިކަޕް އެންޑް ޑެލިވަރީ ހިދުމަތް މިހާރު ލިބޭނެކަމަށް ހާމަކޮށްފައިވެއެވެ.

އައްޑޫ ލައިވް އަށް މައުލޫމާތު ދެއްވަމުން ރާއްޖެ ޑެލިވަރީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ހުސެއިން ފަޔާޒް ވިދާޅުވީ ކޮވިޑް ހާލަތުގައި މުޅި ރާއްޖޭގައިވެސް އެއްތަނުން އަނެއްތަނަށް ތަކެތި ފޮނުވައި ދަތުރުފަތުރު ކުރުމަށް ގިނަ ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް ރާއްޖެ ޑެލިވަރީ މަސައްކަތްކުރަނީ އެކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އައްޑޫގައި މިހާރު ފުޅާކުރެވުނު ހިދުމަތްތަކަކީ ވަރަށްގިނަ ފަރާތްތަކުން އެދިގެން ފަށާފައިވާ ހިދުމަތްތަކެއް ކަމަށްވެސް ފަޔާޒް ވިދާޅުވިއެވެ.

ފަޔާޒް އިތުރަށް ވިދާޅުވީ ރާއްޖެ ޑެލިވަރީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުންފުނިން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެހެން ހިސާބުތަކަށް ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އަދި 23 ގައުމަކުން ރާއްޖެ ޑެލިވަރީ ވެބްސައިޓް މެދުވެރިކޮށް ތަކެތި ގެނައުމަށް ހުޅުވާލަން ވާންޖެހޭ ތައްޔާރީތައްވެސް ކުންފުނިން ވަމުން އަންނަ ކަމަށެވެ.

ރާއްޖެ ޑެލިވަރީ އިން މިހާރު ފޯރުކޮށްދެމުންދާ މައިގަނޑު ހިދުމަތްތަކަކީ މާލޭގައި ޑެލިވަރީ ހިދުމަތް ދިނުމުގެ އިތުރުން މާލެއިން ރާއްޖޭގެ އެހެން ރަށްތަކަށް ވައިގެ މަގުން އަދި ކަނޑު މަގުން ތަކެތި ފޮނުވައިދިނުމެވެ. މި ހިދުމަތް ފޯރުކޮށްދިނުމުގައި ޕެކޭޖް ޕިކްއަޕް އަދި ޑެލިވަރީ ހިދުމަތް ކޮންމެ ކަސްޓަމަރަކަށް ލިބޭނެކަމަށް ރާއްޖެ ޑެލިވަރީ އިން ހާމަކޮށްފައިވެއެވެ.