Last Updated: March 29, 17:30
Friday, March 29, 2024
ދުނިޔެ

އިޒްރޭލުގެ އިދިކޮޅު ޕާޓީތައް އެއްގަލަކަށް، ނަތަންޔާހޫގެ ވެރިކަން ނިމެނީ

ސަރުކާރެއް އެކުލަވާލުމަށް އިޒްރޭލުގެ އިދިކޮޅު ޕާޓީތަށް އެއްގަލަކަށް އެރުމާއެކު، އެގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކާއި ގާތްވެއްޖެއެވެ.

އާ ސަރުކާރެއް އެކުލަވާލުމަށް ދިން މުހުލަތު ހަމަވިއިރު ނަތަންޔާހޫ އަށް އެކަމުގައި ކާމިޔާބެއް ލިބިފައި ނުވުމުން އެ ފުރުސަތު މިހާރު ދީފައިވަނީ އެގައުމުގެ އިދިކޮޅު ސެންޓްރިސްޓް ޕާޓީގެ ލީޑަރު ޔެއާ ލަޕިދް އަށެވެ. އެގޮތުން ލަފިދް ރޭ ވަނީ އެގައުމުގެ އިދިކޮޅު 8 ޕާޓީއާއެކު ސަރުކާރު އެކުލަވާލުމަށް އެއްބަސްވުމަކަށް އައިސްފައިވާކަން އިއުލާންކުރައްވާފައެވެ. އޭގެތެރޭގައި އިޒްރޭލުގެ އަރަބް އިސްލާމިކް ޕާޓީ ވެސް ހިމެނެއެވެ.

އެގޮތުން އަރަބް އިސްލާމިކް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ވިދާޅުވީ އެއްބަސްވުމަކަށް އައުމުގެ މަރުހަލާގައި އުނދަގޫ ކަންކަމާއި ހިޔާލުތަފާތުވުންތައް އުޅުނު ކަމަށާއި ނަމަވެސް މިއީ މުހިއްމު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގައި ހިމެނޭ ގިނަ ކަންކަމަކީ އިޒްރޭލުގެ އަރަބި މުޖުތަމައު އަށް ފައިދާކުރާނެ ކަންކަން ކަމަށްވެސް އައްބާސް ވިދާޅުވިއެވެ.

މި ކޯލިޝަނަށް އިޒްރޭލުގެ ވެރިކަމާއި ހަވާލުވެވޭނީ 120 މެމްބަރުންގެ މައްޗަށް އެކުލެވޭ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބިގެންނެވެ. އެ ކޯލިޝަނަށް ރުހުން ނުލިބިއްޖެނަމަ ދެ އަހަރުތެރޭ ފަސްވަނަ ފަހަރަށް އާންމު އިންތިހާބަކަށް ދާން މަޖުބޫރުވާނެއެވެ.

ކޯލިޝަން އެއްބަސްވުމުގައިވާ ގޮތުން 2023 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެގައުމުގެ ބޮޑުވަޒީރުކަން އަދާކުރައްވާނީ އިޒްރޭލުގެ އިދިކޮޅު އެންމެ ބޮޑު އެއް ޕާޓީ ކަމަށްވާ އަލްޓްރާ ނޭޝަނަލިސްޓް ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓްއެވެ. އަދި އޭގެފަހުން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާނީ ލަފިދް ކަމަށްވެސް އެ އެއްބަސްވުމުގައި ބުނެފައިވެއެވެ.

12 އަހަރު ވަންދެން އިޒްރޭލުގެ ވެރިކަމުގެ މަގާމުގައި ހުންނެވި ނަތަންޔާހޫ އަށް މަގާމު ގެއްލެން ގާތް ވެފައިވާއިރު އޭނާގެ މައްޗަށް އަންނަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ އުފުލައި ޝަރީއަތް ވެސް ކުރަމުންނެވެ.