Last Updated: July 12, 05:49
Saturday, July 12, 2025
ކުޅިވަރު

ދަގަނޑޭ ކޮވިޑަށް ނެގެޓިވްވެ، ޓީމާއި މާދަމާ ގުޅެނީ

ކޮވިޑް-19 އަށް ދާދިފަހުން ޕޮޒިޓިވްވި ގައުމީ ޓީމުގެ އިތުބާރު ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ) އެންމެ ފަހުން ހެދި ކޮވިޑް ޓެސްޓް ނެެގެޓިވްވެ، މާދަމާ ޓީމާއި ގުޅުމަށް ނިންމައިފިއެވެ.

ދަގަނޑޭ މިއަދު ކުރި ޓްވީޓެއްގައި ބުނީ އެންމެފަހުން ހެދި ކޮވިޑް ޓެސްޓު ނެގެޓިވް ވެފައިވާ ކަމަށާއި ވޯލްޑް ކަޕް ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ގައުމީ ޓީމާއި މާދަމާ ގުޅޭނެ ކަމަށެވެ.

ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ ކޮލިފިކޭޝަންގެ މެޗުތައް ކުޅުމުގެ ކުރިން ދުބާއީގައި ކޭމްޕް ކުރުމަށްފަހު މެޗުތައް ކުޅުމަށް ޗައިނާ އަށް ދިޔުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުންނެވެ. ދަގަނޑޭގެ އިތުރުން ގައުމީ ޓީމުގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެއާއެކު ޗައިނާ ސަރުކާރުން ވަނީ ރާއްޖޭގެ އިތުރުން ކޮވިޑް ކޭސްތަކެއް ދެން ފެނުނު ސީރިއާގެ ގައުމީ ޓީމަށް ޗައިނާއަށް ދަތުރު ކުރުމުގެ ހުއްދަ ހުއްދަދޭން ދެކޮޅު ހަދާފައެވެ. އެއާއެކު މެޗުތައް ކުޅުމަށް އެންމެފަހުން މިހާރު ނިންމާފައިވަނީ ދުބާއީގައެވެ.

އެގޮތުން މިރޭ ރާއްޖެއިން ކޮލިފައިންގެ ސީރިޔާ އާއި ދެކޮޅަށް ނިކުންނާނެއެވެ. އަދި އަންނަ ހުކުރު ދުވަހު ރާއްޖެއިން ޗައިނާއާ ބައްދަލުކުރާއިރު މި މަހުގެ 15 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ.