Last Updated: April 26, 23:59
Saturday, April 27, 2024
ދުނިޔެ

ފޭސްބުކްއިން ޓްރަމްޕް ދެ އަހަރަށް ސަސްޕެންޑް ކޮށްޕި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2023 ވަނަ އަހަރުގެ ޖަނަވަރީ މަހާއި ހަމަޔަށް ފޭސްބުކްއިން ސަސްޕެންޑް ކޮށްފިއެވެ.

ޓްރަމްޕް ދެ އަހަރުގެ މުއްދަތަކަށް ސަސްޕެންޑް ކޮށްފައިވަނީ ހުއްޓުމެއްނެތި އިންޒާރު ދިނުމުން ވެސް ޓްރަމްޕް ފޭސްބުކްގެ ގަވާޢިދާއި ޚިލާފު ޕޯސްޓްތައް ކޮށް އޭނާގެ އަމަލުތައް ތަކުރާރު ކޮށްފައިވާތީ ފަހުން މުޠާލިއާ ކުރެވުނު ފޭސްބުކްގެ ފަހުގެ ޕްރޮޓޮކޯލްގެ ދަށުން ކަމަށް ފޭސްބުކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ސަސްޕެންޑް ކުރެވުނު ދެ އަހަރަށް ފަހު ޤަވާޢިދުން ޓްރަމްޕްގެ ހަރަކާތްތައް މޮނީޓާ ކުރަމުން ގެންދާނެ ކަމަށާއި އެއަށްފަހު ވެސް އެފަދަ އަމަލުތައް އޭނާގެ ފަރާތުން ތަކުރާރުވާ ކަމުގައި ވަނީނަމަ ދެން ޖެހޭނީ ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ތަކާއި ޕޭޖްތައް ދާއިމަށް ފޭސްބުކްއިން ބޭރުކޮށްލަން ކަމަށްވެސް ބުނެފައިވެއެވެ.

ފޭސްބުކްގެ ބަޔާނަށް ރައްދު ދެއްވާ ޓްރަމްޕް ވިދާޅުވެފައިވަނީ އެއީ މިދިޔަ އަހަރު އޭނާއާއި އެއްކޮޅަށް ވޯޓުދިން 75 މިލިއަން މީހުންނަށް އެރުވި ހުތުރެއް ކަމަށެވެ. އަދި އެމީހުން ކަހަލަ ކަންތައް ބަލައިނުގަންނާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ފޭސްބުކް އިން ބުނީ ވަރަށް ގިނަ މީހުން ރައީސްކަން ކޮށްފައިވާ ފަރާތަކަށް އެޅި އެ ފިޔަވަޅު ކަމުނުދާ ކަމަށް ބުނާއިރު ހަމަ އެވަރަށް ގިނަ މީހުން ޓްރަމްޕް ދާއިމަށް ފޭސްބުކް އިން ނެރެލަން ޖެހޭކަމަށް ވެސް ބުނަމުންދާ ކަމަށެވެ.

މިއީ ފޭސްބުކްއިން އެމެރިކާގެ ރައީސްކަން ކޮށްފައިވާ ފަރާތެއް މިގޮތަށް ސަސްޕެންޑް ކުރި ފުރަތަމަ ފަހަރެވެ.