ޓޮޓެންހަމްގެ ކޯޗު ކަމަށް އެންޓޯނިއޯ ކޮންޓޭ ގެނައުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލައިފިއެވެ.
ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުރި ހޯޒޭ މޮރީނިއޯ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.
މި ސީޒަން ނިމުމާއެކު ޓޮޓެންހަމް އިން އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފެށިއިރު، އެގޮތުން އެޓީމުން އެންމެފަހުން މަސައްކަތް ކޮށްފައިވަނީ ޗެލްސީ އާއި އިންޓަ މިލާން އަދި ޔުވެންޓަސް އަށް ކޯޗުކޮށްދީފައިވާ ކޮންޓޭ ގެނައުމަށެވެ. އެގޮތުން އެ ޓޮޓެންހަމް އިން ކޮންޓޭ އާއެކު މިދިޔަ ބުދަ ދުވަހު ވަނީ ފަށާފައެވެ.
ނަމަވެސް ޓޮޓެންހަމް އިން އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުށަހަޅާ ޓްރާންސްފާ ބަޖެޓާއި މެދު ޝައްކުތަކެއް ކޮންޓޭގެ ހުރިއިރު، މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކޮންޓޭ އާއި ޓޮޓެންހަމްއާ ދެމެދު ކުރިއަށްދިޔަ ވާހަކަތައް ރޭގެ ވަގުތެއްގައި ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މި ވާހަކަތައް އަލުން ފެށުމުގެ ވިސްނުމެއް ދެ ފަރާތުން ވެސް ނުގެންގުޅޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އާ ކޯޗެއް ހޯދުމުގެ މަސައްކަތް ޓޮޓެންހަމް އިން ކުރަމުން އަންނައިރު، އެޓީމަށް ކުރިން ކޯޗުކޮށްދިން އަދި މިހާރުގެ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެނައުމަށް ވެސް ޓޮޓެންހަމް އިން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޕޮޗެޓީނޯ ފޮނުވާލަން ޕީއެސްޖީން އަންނަނީ ދެކޮޅު ހަދަމުންނެވެ.
މިދިޔަ ސީޒަނުގެ ފަހުކޮޅު ޓޮޓެންހަމްގެ ކޯޗަކަށް ހުރީ އެޓީމަށް ކުރިން ކުޅުނު ރަޔަން މޭސަން އެވެ. އެގޮތުން ޓޮޓެންހަމް މިދިޔަ ސީޒަން ނިންމާލީ ޕްރިމިއާ ލީގުގެ ހަތްވަނައިގައި އޮވެއެވެ.