Last Updated: April 18, 22:36
Friday, April 19, 2024
ރިޕޯޓް ރައްޔިތުންގެ މަޖިލީސް

ދައުވާކޮށްދޭން މަޖިލީހުން ޕީޖީގައި އެދުން، ލިބިފައި ނެތް ބާރެއް ބޭނުންކުރުން؟

މީހެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ތުހްމަތަކާ ގުޅުގެން ދައުވާކޮށްދޭން އެދެެން ޖެހޭނީ ގާނޫނު ބުނާގޮތުން ޖިނާއީ ތަހްގީގުހިންގުމަށް ގާނޫނުތަކުން ބާރު ދީފައި އޮންނަ ފަރާތްތަކުން އެކަންޏެވެ. އެކަމަކީ ކޮންމެ،ކޮންމެ މީހަކަށް ނުވަތަ ވަކި ކޮންމެ ކޮންމެ މުވައްސަސާއަކަށް ކުރެވޭނެ ކަމެއް ނޫންކަން ގާނޫނީ ހުރިހާ ބޭފުޅުންވެސް އެއްބަސްވެ އެވެ. މިކަން މިހާ ސާފުކޮށް އޮތްނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތުމުގެ ތުހުމަތުގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލް ދައުވާކޮށްދޭން ހުށަހަޅާފައިވާ މައްސަލައިގައި އަނެއްކާވެސް މި ވަނީ ހިޔާލުދެކަފިވެ ބަހުސެއް އުފެދިފައި އެވެ.

މި މައްސަލައިގައި ޕީޖީ ޝަމީމް ވިދާޅުވަނީ ކީކޭ؟
ޒަމީލް މައްޗަށް ދައުވާކޮށްދޭން އެދި ރައްޔިތުންގެ މަޖިލީހުން ޕީޖީ އޮފީހަށް ފޮނުވި މައްސަލައާ ގުޅޭ ގޮތުން ޝަމީމް ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ސިޓީއެއް ފޮނުވާފައި އެވެ. ޝަމީމް ވިދާޅުވެފައިވަނީ ޖިނާއީ ތަހުޤީޤް ހިންގުމުގެ ބާރު ޤާނޫނުތަކުން ލިބިދީފައިވަނީ ފުލުހުންގެ މުއައްސަސާއަށް ކަމެވެ. އެހެންވެ ޝަމީމް ވިދާޅުވެފައިވަނީ ފުލުހުންގެ އިދާރާއަށް އެމައްސަލަަ ހުށައެޅިދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ދައްކާ ވާހަކަތަކުގައި ގާނޫނީ ބުރަދަނެއް ނެތް؟؟

ޒަމީލްގެ މައްޗަށް ދައުވަކޮށްދިނުމަށް މަޖިލީހުގެ ރައީސް، ޕީޖީއަށް ހުށަހެޅީ ޤާނޫނުއަސާސީއިން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ އިމްތިޔާޒުތަކާއި ބާރުތައް ނެގެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށްވާތީކަމަށް ވިދާޅުވެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާއި އެ މަޖިލީހުގެ ހުރުމަތާއި ޤަދަރު ހިފެހެއްޓުމަކީވެސް މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތެއްކަމަށް ދެކިވަޑައިގެންކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ.

ޒަމީލް ކުށްވެރިވާ ކަމަށް ތުހްމަތުކުރާ ގާނޫނީ އަސާސެއް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާއާއި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 34 ވަނަ ބާބުގެ ދަށުން، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމުގެ ބާރު މަޖިލީހުގެ ކޮމިޓީއަކަށް ލިބިގެންވާ ކަމަށެވެ. އަދި ކޮންމެ މީހަކަށް މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތިން ހެކިބަސް ދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އެންގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

މިވާހަކަތަކާމެދު ގާނޫނީ ބޭފުޅުން ދެކިވަޑައިގަންވާ ގޮތުގައި މަޖިލީހަށް ހާޒިރުވުމަށް ގާނޫނީ ގޮތުން ލާޒިމްވެފައި އޮންނަ އޮތުމަކީ މަޖިލީހުން މީހުންގެ މައްޗަށް ދައުވާކޮށްދޭން އެދެވޭނެ ސަބަބެއް ނޫނެވެ. އެކަން އޮޅުވާލުމަކީ ހަގީގީ ބާރުތަކަށް އަރައިގަތުން ކަމަށް ރައްޔިތުންގެ ބައެއް މެމްބަރުންނާ ގާނޫނީ ބޭފުޅުން ދެކިވަޑައިގަންނަވަ އެވެ.

ދައުވާކޮށްދޭން ފޮނުވީ އިޖްރާއަތްތައްވެސް ފުރިހަމަނުކޮށް
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޒަމީލްއަށް ދައުވާކޮށްދޭން ހުށައެޅި މައްސަލައިގައި މަޖިލީހުން ފުރިހަމަކުރަން ޖެހޭ އިޖްރާއަތްތައްވެސް ފުރިހަމަނުކުރާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން މީހެއްގެ ވަކިން މި ގޮތައް ދައުވާކުރުމަކީ ބިރުދެއްކުމުގެ އަމަލެއް ކަމަށާއި މަޖިލީހުންވިއަސް ކަންކުރަން ޖެހޭނީ ރައްޔިތުންގެ އިތުބާރު ނުގެއްލޭ ގޮތައް ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުން މިހާރު އެކި ނަންނަމުގައި ހިންގާ ތަހްގީގުތަކަކީ ދައުލަތުގެ އެއްބާރުން އަނެއް ބާރަށް އަރަގަނެ ދައުލަތުގެ ހިންގުން ގަނޑުބަނޑުކޮށްލުމުގެ އަމަލެއް ގޮތުގައިވެސް އިދިކޮޅު ފަރާތްތަކުން ސިފަކުރެ އެވެ.

ދައުލަތުގެ ފަރާތުން ކުރާ ކަންކަމަށް ފާރަވެރިވެ ޖަވާބުދާރީކުރުވުމާއި މީހުންގެ މައްޗަށް ތަހްގީގު ހިންގުމާއި ދައުވާކުރުމަކީ މުޅިން ތަފާތުކަމަކަށްވާއިރު މިކަންކަން މައްސުނި ކުރުމަކީ ގަސްތުގައި ކުރާކެމެއް ގޮތުގައުވެސް ބައެއް މީހުންދެކެ އެވެ.