ކޮވިޑް-19 ގެ ކަންކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ވާނުވާ ނޭނގޭ ހާލަތުގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑްގެ ހާލަތު ރައީސަށް އަދިވެސް ވަޒަންނުކުރެވޭ ކަމަށެވެ.
އިހުމާލުން އެތައް ފުރާނައެއް ގެއްލުނުއިރުވެސް ޒިންމާ ނުނެންގެވި ކަމަށާއި ހަރުދަނާކުރި ކަމެއް ނެތް ކަމަށް ޖަމީލްގެ ޓްވީޓްގައިވެއެވެ.
"ސިންގަޕޫރާ އަޅާކިޔުމުން އެނގެނީ ހުންނެވީ ވާނުވާ ނޭނގޭ ޙާލަތުގައިކަން." ޖަމީލްގެ ޓްވީޓްގައިވެއެވެ.
މީގެ އިތުރުން ޖަމީލް ވިދާޅުވެފައިވަނީ ރައީސްގެ ވާހަކަތައް ތާކުން ތާކުނުޖެހޭ ކަމަށެވެ.
އިއްޔަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައިސް ސޯލިހް ވިދާޅުވީ ވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ދެވޭ ހިދުމަތް ގޯސް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮވިޑްގެ އެކި ކަންކަމަށް 3.41 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި މި އަދަދަށް ހަރަދުކުރަން ޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް އައިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަސީލަތްތައް ހުރި މިންވަރު މަދުކަމުން ކަމަށެވެ.