ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ބުނި މައްސަލައިގައި ހިސާންގެ އަރިހުން ސިޔާމް މާފަށް އެދުމަށް އިމްތިޔާޒާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
މިގޮތަށް އިމްތިޔާޒާ ބެހޭ ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލައިގައި މިއަދު ކުރިއަށް ގެންދިޔަ އިމްތިޔާޒް ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީން ފާސްކޮށްފައިވަނީ ހިސާންގެ އަރިހުން މާފަށް އެދުމަށް ސިޔާމްގެ އަރިހުން ދެންނެވުމަށާއި، ސިޔާމަށް ނަސޭހަތް ދިނުމަށް އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ސިޔާމަސް ދެންނެވުމަށެވެ.
ކޮމިޓީގެ ނިންމުން ކޮމިޓީ ރިޕޯޓްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ފޮނުވޭނެއެވެ.
ހިސާނަށް ހަޑިހުތުރު ބަހުން ސިޔާމް މުހާތަބު ކޮށްފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތުއެވެ. އަދި އޭގެފަހުން ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ބުނި މައްސަލަ ހިސާންގެ ފަރާތުން މަޖިލީހުގެ ރިޔާސަތަށް ހުށަހެޅުމުން ރިޔާސަތުން ވަނީ އެ މައްސަލަ އިމްތިޔާޒް ކޮމިޓީއަށާއި ފުލުހަށް އަދި ޑިފެންސް މިނިސްޓްރީއަށް ހުށަހަަޅާފައެވެ.