18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ފައިސާ ހޯދާފައި ނުހުންނާނެ ކަމަށް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވިއިރު އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ ދިރާސާކުރި ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ޖޮއިންޓް ކޮމިޓީން އާންމު ކުރި ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި އޭރު ތިއްބެވި ގިނަ މެމްބަރުންތަކެއްގެ ނަން ހިމެނިފައިވެއެވެ. އޭގެތެރޭގައި ޝުޖާއުގެ ނަން ވެސް ހިމެނެއެވެ.
އަދި އެ ލިސްޓުގައި ހިމެނޭ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން އޭސީސީން އިއްޔެ ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވާފައެވެ.
ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ޝުޖާއު ވިދާޅުވީ ކުރީގައި އޮތީ ޕީޕީއެމްގެ ސަރުކާރެއް ކަމަށާއި އެ ސަރުކާރުން ފޮނުވާ ބިލުތައް ފާސްކުރަން ފައިސާ ދޭން ނުޖެހޭނެ ކަމަށެވެ. އަދި ޕީޕީއެމްގެ ތެރޭގައި ހިޔާނާތުގެ ފައިސާ ލިބުނު މީހުން ތިބި ކަމަށް ގަބޫލުނުކުރާ ކަމަށާއި ބިލުތަކަށް ވޯޓު ދޭން ފައިސާ ނަގާފައިވަނީ އެމްޑީޕީގެ މެމްބަރުން ކަމަށް ޝުޖާއު ތުހުމަތު ކުރެއްވިއެވެ.
"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ޕީޕީއެމްގެ އެސްއީޒެޑް ބިލަށާއި، ބިން ވިއްކާ ބިލަށާއި، އަނެއް ބިލަކަށް ވޯޓު ދިނީ އާޒިމް އެކަނިތަ؟ ކިތައް މެމްބަރުން އެބަތިބިތޯ؟ އެއީ އެމްޑީޕީ ޕީޖީގައި ވިޕް އެޅިގެން ދެވިފައި ހުންނަ ވޯޓު. ސަރުކާރުން ހުށަހަޅާ ބިލަކަށް ވީއްޔާ އެ ބޭފުޅުން ވޯޓުލާ" ޝުޖާއު ވިދާޅުވިއެވެ.
އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުން ފައިސާ އަށް ބިލުތަކަށް ވޯޓުލާފައިވާ ކަމަށް ތުހުމަތު ކުރާނަމަ އެ ތުހުމަތު މިހާރުގެ ސަރުކާރާއި މަޖިލީހަށް ވެސް ކުރެވެން އެބައޮތް ކަމަށާއި ޕީޕީއެމްގެ ޕީޖީ ގްރޫޕްގައި ތިއްބެވި މެމްބަރުން އަދީބު އަތުން އެމްއެމްޕީއާރްސީގެ ފައިސާ ނަގާފައި ނުހުންނާނެ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
"ޔަގީންކަމާ އެކީގައޭ މި ދަންނަވަނީ. ޗެލެންޖުކޮށްފައި މި ދަންނަވަނީ، ނުހުންނާނެ ނަގާފައެއް" ޝުޖާއު ވިދާޅުވިއެވެ.