Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

ކޮށާ ކާޅަށް ކާންދިނަސް ހައްޤުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނަން: ބިގޭ

މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)--

"ތުތިމަހަށް ކޮށާ ކާޅަށް ކާންދިނަސް" ހައްޤުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އަލިފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ބިގޭ ފޮނުވި މެސެޖެއްގައި މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީގެ އެތެރެއިން އޭނާއަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެެވެ. ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުވާނެ ކަމަށްބުނެ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވާ މަޖިލީހަށް ފޮނުއްވި ސިޓީއާ ގުޅިގެން، އޭނާގެ އިމްތިޔާޒުގެ މައްސަލަ ބަލަން ރައީސް ނަޝީދު ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ކޮމިޓީން ބޭރުކޮށްލި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ ފާޑުކިޔުން ބިގޭ އަށްވަނި އަމާޒުކޮށްފައެވެ.

އިވާ ތުހުމަތު ކުރާގޮތުގައި އެ މައްސަލަ ކޮމިޓީން ބޭރުކޮށްފައިވަނީ ބިގޭ، އެކޮމިޓީގައި ހިމެނޭ އެމްޑީޕީ މެމްބަރުންނަށް ގުޅާ އެގޮތަށް ކަން ކުރުމަށް އެންގުމުންނެވެ. އަދި އިންކުއަރީ ފަނިކުރަން ބިގޭ އުޅުއްވާ ކަމަށާއި، އެކަން ނުކުރިއަސް "ބިގޭގެ ސަރުކާރު ދެމިއޮންނާނެ" ކަމަށް އީވާ ވިދާޅުވެފައިވެއެވެ. އީވާ މިގޮތަށް ތުހުމަތު ކުރެއްވިއިރު ބިގޭ އާއި ރައީސް ސޯލިހަކީ ޅިޔަނުންނެވެ.

އީވާގެ މެސެޖުތަކަށް ހަތަރު ދުވަސް ވީފަހުން ބިގޭ ކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ، އޭނާއާ ގުޅުވާ ހަގީގަތާ ހިލާފު ވާހަކަތައް ސޯޝަލްމީޑިއާގައި ފަތުރާ އަބުރު ކަތިލަމުން ދިއުމަކީ ބަލައިގަންނާން އުނދަގޫ ކަމެއްކަމަށެވެ.

"އަޅުގަނޑު ތުތިމަހަށް ކޮށާ ކާޅަށް ކާންދިނަސް ހައްޤުބަސް ބުނުމުގައި ފަހަތަކަށް ނުޖެހޭނަން." ބިގޭގެ މެސެޖުގައިވެއެވެ.

ބިގޭ ބުނެފައިވަނި ހައްޤުބަސް ބުނުމުގައި ފަހަތަށް ނުޖެހޭނެކަން މާޒީގައި ދެއްކިގޮތަށް އުމުރުގެ ބާކީ އޮތްދުވަސްތަކުގައި ދައްކާނެކަމަށެވެ. އިސްލާހީ މަސައްކަތުގައި 30 އަހަރު ހޭދަކޮސް އެތައް އަނިޔާއެއް ލިބިފައިވާކަން ފާހަގަކޮށް ބިގޭ މެސެޖުގައި ބުނެފައިވަނީ މުޅި ހަޔާތް ގައުމަށްޓަކައި ޖާނާ މާލުން ގުރުބާންކުރިކަމަށެވެ.

އަދި އަބުރުކަތިލާ ބަޔަކު ހިތުހުރި ގޮތެއް ހަދާތަން ބަލަން ބީރު ކަންފަތްދީގެން ހުރުމަކީ ކިތަންމެ ކެތްތެރިކަން އިސްކުރަން އުޅުނަސް އެއްޗެކޭ ނުބުނެ ހުންނަން އުނދަގޫވާނެ ކަމެއްކަމަށްވެސް ބުނެފައިވެއެވެ.