އުދަ އެރުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ލިބުނު ގެއްލުމާ އެކު އެ އެއާޕޯޓުގެ މަރާމާތުގެ މަސައްކަތްތައް އެމްޓީސީސީން ނިންމާލައިފިއެވެ.
ހޯރަފުށި އެއާޕޯޓު ތަރައްގީ ކުރީ އެމްޓީސީސީން ކަމަށްވާއިރު، އެއާޕޯޓުގެ މަރާމާތުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ވެސް އެ ކުންފުނިންނެވެ.
ހއ. ހޯރަފުށީ އެއަރޕޯޓްގެ މަރާމާތުގެ މަސައްކަތްތައް 8 ޖޫން 2021 ވަނަ ދުވަހު ނިމިއްޖެ. ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމާ ސަރުކާރާ ހަވާލުކުރެވުނީ 6 ނޮވެމްބަރ 2020 ވަނަ ދުވަހު. #TeamMTCC #RayyithungeKunfuni pic.twitter.com/zHTRaoGUsX
— MTCC Plc (@MTCCPlc) June 10, 2021
މިދިޔަ މަހުގެ 14 ވަނަ ދުވަހު ރާއްޖެ އަށް ކުރި ވިއްސާރައިގައި ހޯރަފުށީ އެއާޕޯޓުގެ ބިއްލޫރި ދޮރުތައް ވެއްޓި ތަޅައިގެން ގޮސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި އެއާޕޯޓުގެ ރަންވޭ އަށް އުދަ އެރުމާ ގުޅިގެން ރަންވޭ އަށް ފަސް އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.
އެ ގެއްލުންތަކާ ގުޅިގެން އެ ގެއްލުންތައް މަރާމާތު ކުރުމަށް އެ އެއާޕޯޓުގެ އޮޕަރޭޝަން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އަދި މި މަހުގެ 15 ވަނަ ދުވަހު އޮޕަރޭޝަންތައް އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ހޯރަފުށީ ފަޅުން ބައެއް ހިއްކައިގެން ހެދި މި އެއާޕޯޓު ހުޅުވާފައިވަނީ މީގެ ފަސް މަސް ދުވަސް ކުރިންނެވެ. ހޯރަފުށީގައި އެއާޕޯޓެއް އެޅުމަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ.