އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި އޭނާ އާއި މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވިއިރު އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރި މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
އެކަމާ ގުޅިގެން މަހުލޫފް މިއަދު ވިދާޅުވީ ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާ އާއި މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ އޭނާ މަގާމުން ވަކިކުރުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑި ބައްދައިގެން ހުންނަން ނޫންކަން. ކުރި ތުހުމަތު ވެސް ގޯސް. ތުހުމަތު ކުރީ SEZ ބިލަށް ވޯޓު ދީގެން. ނަމަވެސް އޭރު އަޅުގަނޑަކީ PPM ގެ މަޖިލިސް މެންބަރެއް، ވޯޓު ދިނީ ތްރީލައިން ވިޕާ އެއްގޮތަށް" މަހުލޫފް ވިދާޅުވިއެވެ.
އަދި އޭސީސީ އަށް ދައުވާ ކުރުމުގެ އެއްވެސް ޤާނޫނީ ބާރެއް މިމައްސަލައިގަ ލިބިގެން ނުވާ ކަމަށާއި އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ޤަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުންވެސް ސާފު ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މީގެއިތުރުން ހެކި ކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީކަނޑައެޅިގެން ރާއްޖެ އަދި ސްރީލަންކާގެ ޤާނޫނާ ހިލާފަށް ހޯދާ އަދި ނަގާފައިވާ، ކޯޓަށް ބަލައިވެސް ނުގަންނާނެ ހެކި ކަމަށާއި އޭގެ ތަފްސީލަށް މިވަގުތު ވަޑައިގަންނަވަން ބޭނުން ނުވާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"އަޅުގަނޑުގެ މައްސަލަވެސް ހަމަ ބަލަންވީ. އެކަމަކު އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް. ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށްފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އަޅުގަނޑުގެ ނަން އެކަނިތޯ" މަހުލޫފް ވިދާޅުވިއެވެ.
އަދި ޤާނޫނާއި ގަވައިދުގެ ތެރެއިން އެސެޓް ރިކަވަރީ ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާއާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ" އޭނާ ވިދާޅުވިއެވެ.