Last Updated: June 21, 09:55
Monday, June 21, 2021
ޚަބަރު

ވަރުބަލިވެއްޖެ، އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ: މަހުލޫފް

އަހްމަދު މަހުލޫފް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ކުރަމުންދާ ތުހުމަތުތަކަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ފުރަތަމަ ފަހަރަށް ރައްދު ދެއްވައިފިއެވެ.

މަހުލޫފް އެ ތުހުމަތުތަކަށް ރައްދު ދެއްވިއިރު އޭނާ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރި މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާކުރަން އޭސީސީން އިއްޔެ ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އެކަމާ ގުޅިގެން މަހުލޫފް މިއަދު ވިދާޅުވީ ފެށުނީއްސުރެވެސް އެމްއެމްޕީއާރްސީގެ މައްސަލައިގައި އޭނާ އާއި މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގަތިބެގެންކަން އެންމެ އިސްވެރިންނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ އޭނާ މަގާމުން ވަކިކުރުން ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"އެމީހުންނަށް ނުވިސްނެނީ އަޅުގަނޑު މިއުޅެނީ މަގާމުގަ ބަގުޑި ބައްދައިގެން ހުންނަން ނޫންކަން" މަހުލޫފް ވިދާޅުވިއެވެ.

އަދި އޭނާގެ މައްސަލައެއް ވެސް އޮތްނަމަ ބަލަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ޤާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެގޮތުން ސިޔާސީ ނުފޫޒުން ބައެއް ނަންތައް އުނިކުރުމަށްފަހު ވެސް އެކުލަވާލާފައި އޮތް 300 މީހުންގެ ލިސްޓަކުން ވެސް ކޮމިޝަނަށް 3 އަހަރު ވީއިރު ފެނުނީ އޭނާގެ ނަން އެކަނިތޯ މަހުލޫފް ސުވާލު ކުރެއްވިއެވެ.

އަދި ޤާނޫނާއި ގަވައިދުގެ ތެރެއިން އެސެޓް ރިކަވަރީ ކޮމިޝަން، ޕޮލިސް، ޕީޖީ އަދި އޭސީސީ އިން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ ވެސް އެއްގޮތަށް އޭނާއާ މެދު ތަފާތުނުކޮށް މައްސަލަ ގެންދާނަމަ އެންމެ ދުވަހަކުވެސް މަގާމުގައި ނުހުންނަވާނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް. ވަރުބަލިވެއްޖެ، އަޅުގަނޑަށްވެސް އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ" އޭނާ ވިދާޅުވިއެވެ.