Last Updated: July 3, 09:07
Thursday, July 3, 2025
ވިޔަފާރި

މީރާ އަށް މިދިޔަ މަހު 783 މިލިއަން ރުފިޔާ ބަލައިގެންފި

މިރާ، ފޮޓޯ: އަވަސް

މިދިޔަ މަހު 783 މިލިއަން ރުފިޔާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ބަލައިގެންފި އެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 283.6 ޕަސެންޓް އިތުރު އަދަދެއް ކަމަށެވެ. އަދި މިއީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.7 ޕަސެންޓަށް ވުރެ އިތުރު އަދަދެކެވެ.

މީރާއިން މައުލޫމާތު ދޭ ގޮތުގައި، މިދިޔަ އަހަރުގެ މޭ މަހު ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ މޭ މަހު ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މޭ މަހު މާލެ ފުރަބަންދުކޮށް، އެއަރޕޯޓް ބޯޑަރު ބަންދުކުރުމުގެ ސަބަބުން، ޓޫރިޒަމް ދާއިރާ އަދި އެހެން ދާއިރާތަކަށް ލިބުނު ހީނަރުކަމުގެ ސަބަބުން މޭ 2020 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވުމެވެ.

މިގޮތުން، މޭ 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2021 ގައި އިންކަމް ޓެކްސް، ޖީ.އެސް.ޓީ، ގްރީން ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ، އެއަރޕޯޓް ސަރވިސް ޗާޖް، އަދި ޓޫރިޒަމް ލޭންޑް ރެންޓް ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން، ވަކި މުއްދަތަކަށް ސަރުކާރުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރުމަށް ނިންމައިފައިވާތީ، މޭ މަހުގެ ތެރޭގައި އައިސްފައިވާ ސުންގަޑިތަކެއް ފަސްކުރެވެވިފައިވާކަމަށް މީރާއިން މައުލޫމާތުދެއެވެ.

މޭ 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 63.3% ނުވަތަ 496.19 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ގްރީން ޓެކްސްއިންނެވެ. އެއީ %6.7 ނުވަތަ 52.68 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 33.44 މިލިއަން ރުފިޔާ (4.3%)، އެއަރޕޯޓް ސަރވިސް ޗާޖުގެ ގޮތުގައި 32.74 މިލިއަން ރުފިޔާ (4.2%)، ވަރކް ޕަރމިޓް ފީގެ ގޮތުގައި 29.32 މިލިއަން ރުފިޔާ (3.7%) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 139.51 މިލިއަން ރުފިޔާ (17.8%) ހިމެނެއެވެ.

މޭ 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 32.79 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.