Last Updated: June 21, 08:56
Monday, June 21, 2021
ޚަބަރު

ނޫސްވެރިންނަށް އުމަރުގެ ތައުރީފު

ރާއްޖޭގެ ނޫސްވެރިންނަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނޭޝަނަލް އެކްޝަން (ޑީއެންއޭ) ހިންގުމުގައި އިސްކޮށް ހުންނެވި އުމަރު ނަސީރު ތައުރީފު ކުރައްވައިފިއެވެ.

އުމަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް ޖަމާ ކުރަމުންދާ، އިންޑިޔާގެ ސިފައިންނާއި، އަޅަމުންދާ މަރުކަޒުތަކާ، ގެންނަމުންދާ މިލިޓަރީ އުޅަނދުތަކާ، ބަހައްޓަމުންދާ ރާޑަރުތަކާ، މި މަސައްކަތް ދެމެހެއްޓޭނެ ކަމުގެ އުއްމީދުގައި ޖަހަމުން ގެންދާ ފައިސާގެ ތަންދޫރަތަކާ، މި ކަމަށް މަގުފަހިކޮށްދޭ ސިޔާސީ ފަރާތްތަކާ ޕާޓީ ތަކަށް ދޭ ހަދިޔާތަކާ ބެހޭ ގޮތުން އެކިއެކި ޚަބަރު ތަކާ މަޒްމޫނުތައް ގެނެސްދޭ ނޫސްތަކަށް ސަރުކާރުން ދަތިކޮށް ހުރަސްއަޅަމުންދާ ކަމަށެވެ.

އަދި މިފަދަ ވާހަކަތަކުގައި މަތިޖަހާ އޮމާންކޮށްގެން ޚަބަރު ގެނެސްދޭ ނޫސްތަކަށް އިންޑިޔާގެ އެމްބަސީ އިން އެކި ބާވަތްބާވަތުގެ ސްޕޮންސަރދީ ދިވެހިންގެ ކަންބޮޑުވުންތަކުގެ އަޑު ކަޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"މި ދަނޑިވަޅުގައި ރާއްޖޭގެ މިނިވަން ކަމާ އަމިއްލަ ވަންތަ ކަމުގެ ހައްޤުގައި ލިޔުއްވަމުން ގެންދަވާ ލިޔުއްވުންތެރިންނަށް ނުހަނު އިޚުލާސްތެރިކަމާ އެކު ޝުކުރު ދަންނަވަން. އަދި އެބޭފުޅުންގެ ލިޔުއްވުން ތަކާ ޚަބަރުތައް ވީހާވެސް ގިނަ ބޭފުޅުން ސޯޝަލް މީޑިޔާގައި ޝެއަރ ކޮށްދެއްވާ، ލައިކް ދެއްވާ، ރީ-ޓްވީޓް ކޮށްދެއްވުމަކީ މި ޤައުމީ މަސައްކަތަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް" އުމަރު ވިދާޅުވިއެވެ.

މި ފަދަ ލިޔުއްވުންތަކާ، ޚަބަރު ތަކުގެ ލިންކް ޑީ،އެން،އޭ ގެ އަދި އޭނާގެ ފޭސްބުކް ޕޭޖް، ޓުވިޓަރ އަދި ވައިބަރ ކޮމިޔުނިޓީ ގްރޫޕް ތަކުގައި ލިބެން ހުންނާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

މީގެއިތުރުން އުމަރު ވަނީ 'އައްޔަކަސް އަނދިރިއަކަސް ތިމަންނަ މެނަށް ހެވޭ" ބުނާ ޚާއިނުންގެ އަޑުތަކާ ދެކޮޅަށް ޝުއޫރު ފާޅުކޮށް، ކޮމްނެޓްކޮށް، ސަރުކާރާ އިންޑިޔާ އާއި ގުޅިގެން ހިންގާ މީޑިޔާ ޕްރޮޕެގެންޑާ އާއި ދެކޮޅަށް މަސައްކަތް ކޮށްދީ، ސައްހަ ޚަބަރު ތަކާ، ޤައުމީ މަޒްމޫނު ތަކަށް ބާރުދީ ޤައުމިއްޔަތު ހޭލައްވާ ލެއްވުމުގެ މަސައްކަތުގައި ބައިވެރިވުމަށް އުމަރު ވަނީ ގޮވާލާފައެވެ.