ގައުމީ މަސްލަހަތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އިންސާފާއި ގުޅިފައި ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ އެމްޑީޕީގެ ހަމަޖެހުމަކީ އަދި މަސްލަހަތަކީ ގައުމުގެ މަސްލަހަތާއި ހަލަބޮލިކަމާއި ބޮޑު ހިއްސާއެއް އޮންނާނެ ކަމެއްކަން އެންމެންނަށް ވެސް ވިސްނޭނެ ކަމަށާއި ޕާޓީގެ ހަމަޖެހުން ނަޝީދަށް އިންސާފު ލިބުމާއި ގުޅިފައި އޮންނާނެ މިންވަރު އޮޅޭނެ މީހެއް ވެސް ނުހުންނާނެ ކަމަށެވެ.
"ރައީސް ނަޝީދަށް އިންސާފު ކަށަވަރުވާން ޖެހޭ. އެއީ ގައުމީ މަސްލަހަތު ވެސް އޮތީ އެ އިންސާފާއި ގުޅިފައި ކަމަށްވާތީވެ" އީވާ ވިދާޅުވިއެވެ.
އިންސާފަށް ވަކާލާތު ކުރުމަކީ ދަންނަ މަސްލަހަތު ކަމަށާއި އެގޮތުން ސަރުކާރުގައި ހުއްޓަސް، މަޖިލީހުގައި ހުއްޓަސް އެމްޑީޕީގެ މެމްބަރެއް ކަމަށްވާނަމަ ނަޝީދުގެ އިންސާފަށްޓަކާ ވަކާލާތު ކުރާނެ ކަމަށް ކަމަށް އީވާ ވިދާޅުވިއެވެ. އަދި އެ އިންސާފު އަވަސް ކުރުމަށް ވެސް އެ ފަރާތްތަކުން ގޮވާލާނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
"މިއީ އެންމެ މީހަކަށް ދިމާވެގެން އުޅޭ ކަމެއް ނޫންކަން އެންމެން ވެސް ފާހަގަކުރަން. ގަލޮޅު މެދުގައި އައިއީޑީއެއް ފަދަ އެއްޗެއް ގޮއްވާލައިގެން މި އުޅެނީ. އެންމެފަހުން ވެސް އަޅުގަނޑު ބޭން ބަލަން ނިކުތް ދިމާލުގައި ބޮމެއް ގޮއްވާލައިގެން މިއުޅެނީ. މިއީ ހަމައެކަނި ނަޝީދަށް ދިން ގެއްލުމެއް ނޫން. މިއީ މުޅި ގައުމުގެ ސަލާމަތާއި ގުޅިފައިވާ ކަމެއްކަން އިނގޭ" އީވާ ވިދާޅުވިއެވެ.
މީގެއިތުރުން ނަޝީދަށް ދެވުނު ހަމަލާގެ އެންމެ އަޑިއަށް ދިޔުން ގޮތެއް ނެތް ކަމަށާއި އެމަނިކުފާނަށް އިންސާފު ލިބެންދެން އެމްޑީޕީން ދުލެއް ނުދޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، ބޭރުގެ ފަރާތްތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.