Last Updated: July 12, 05:49
Saturday, July 12, 2025
ޚަބަރު

އިމްތިޔާޒު ކޮމިޓީގެ އެމްޑީޕީ މެމްބަރުންނަށް އިންތިގެ ބަހުގެ ހަމަލާތަކެއް

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގައި ތިބި އެމްޑީޕީގެ މެމްބަރުންނަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ގެ ބަހުގެ ހަމަލާތަކެއް ދީފިއެވެ.

އެ ކޮމިޓީގެ މެމްބަރުންނަށް އިންތި ބަހުގެ ހަމަލާތަކެއް ދީފައިވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުން އެ ޕާޓީގެ އެތެރޭގައި އަރާރުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިންތި ވިދާޅުވީ އިމްތިޔާޒު ކޮމިޓީގައި ހިނގާދިޔަ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށާއި އެގޮތުން ނަޝީދު ހުށަހެޅުއްވި ހުށަހެޅުއްވިން ބޭރުކޮށްލީ އެމްޑީޕީގެ މެމްބަރުންގެ ވޯޓާއެކު ކަމަށާއި މިއީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ މެމްބަރުން ފާސްކުރީ އެމްޑީޕީ އާއި ގުޅުމެއް ވެސް ނެތް، ޕާޓީގެ ރައްޔިތުން ގަބޫލުވެސް ނުކުރާ ފަރާތެއްގެ ހުށަހެޅުއްވުމެއް ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"އަޅުގަނޑު ލަދުގަނޭ އެއް ޓީމެއްގެ ބައެއްގެ ގޮތުގައި، އެއް ސިފައެއްގެ ޖައްސައިގެން ތިބޭ ގޮތުން، ލަދުގަނޭ. މިއީ އެއް ބަޔެކޭ ބުނަން ވެސް ލަދުގަނޭ. އެތަނުގައި އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރަން ވެސް ލަދުގަންނަ ހާލަތަށް މަޖިލީހުގެ އެ ކޮމިޓީގައި އަމަލުކޮށްފައިވާތީ އިންތިހާ އަށް ކަންބޮޑުވުން ފާޅުކުރަން" އިންތި ވިދާޅުވިއެވެ.

އެ މައްސަލަ ކޮމިޓީން ބޭރުކޮށްލިއިރު މަޖިލީހުން ވަނީ ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވެސް އެދިފައެވެ.

ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް މަޖިލީހުން ޕީޖީގައި އެދިފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތާއި ގުޅޭގޮތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ހިންގާ ޕާލަމެންޓްރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް ބުނެ މަޖިލީހަށް ފޮނުވި ސިޓީއާ ގުޅިގެންނެވެ.

އެގޮތުން ސިޓީގައި ސޮއި ކުރައްވާފައިވަނީ ޒަމީލު ކަމަށްވާއިރު، އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް މަޖިލީހުން އެދިފައިވަނީ މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނުނޫގެ ދަށުންނެވެ.