Last Updated: July 15, 00:26
Monday, July 14, 2025
ޚަބަރު

ޕޯސްޓުތަކަކާ ގުޅިގެން 50 އަށްވުރެ ގިނަ މީހުންގެ މައްސަލަ ފުލުހަށް

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގ – ފޮޓޯ : ޕޮލިސް

ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެން 50 އަށް ވުރެ ގިނަ މީހުންގެ މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ އެ ހަމަލާއަށްފަހު ސޯޝަލް މީޑިއާގައި ނަފްރަތު އުފެއްދުމާއި، ހަރުކަށި ފިކުރަށް ތާއީދުކޮށް އެކިއެކި ޕޯސްޓުތައް ކުރާ މީހުންގެ މައްސަލަތައް ބަލަމުންދާކަން ފުލުހުން އަންގާފައިވާ ކަމަށެވެ.

އެގޮތުން ރައްޔިތުންގެ މަޖިލިސް ގޮއްވާލަން ގޮވާލި މީހެއް ހައްޔަރުކޮށް، އެފަދަ ކޮމެންޓުތައްކޮށް ހަރުކަށި ފިކުރާއި، ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

"ޕާޓީން ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ސޯޝަލް މީޑިއާގައި ޕޯސްޓުކުރާ މިފަދަ ޕޯސްޓުތަކާ ގުޅޭ 50 އަށް ވުރެ ގިނަ މީހުންގެ މައުލޫމާތު ފުލުސް އޮފީހަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި. އަދި އެ މައްސަލަ ތަހުގީގުކޮށް ދިނުމަށް ވެސް އެދިފައި" ހަސަން ވިދާޅުވިއެވެ.

ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ގޮތަކަށް ޝުއޫރު ފާޅުކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މީގެކުރިން ވެސް ވަނީ ދީފައެވެ. ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ހިތްވަރު ދިނުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މަނާ އަދި އެހެނިހެން ގާނޫނުތަކުން އަދަބު ކަނޑައެޅިފައިވާ ކުށްތަކެކެވެ.