ކޮވިޑް-19 އާއި ގުޅިގެން މިދިޔަ އަހަރު ބާއްވަން ހަމަޖެއްސި ޔޫރޯ ފުޓްބޯޅަ މުބާރާތް މިރޭ އިޓަލީގެ ވެރިރަށް ރޯމްގައި ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށާނެއެވެ. ރޯމްގެ ސްޓޭޑިއޯ އޮލިމްޕިކޯ ސްޓޭޑިއަމްގައި މިރޭ ފެށުމަށް ހަމަޖެހިފައިވާ ޔޫރޯގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭ ގައި ހިމެނޭ އިޓަލީ އާއި ތުރުކީ އެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިފަހަރުގެ ޔޫރޯ އަށް ހާއްސަކޮށްފައިވާ ލަވަ ވާޗުއަލްކޮށް ހުށަހަޅައިދިނުމަށް ހަމަޖެހިފައިވާއިރު، އިޓަލީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންދްރައޭ ބޮއްޗޭލީގެ ހާއްސަ ހުށަހެޅުމެއް ވެސް ފެނިގެންދާނެއެވެ.
މީގެއިތުރުން ގިނަ ދުވަސްތަކަކަށްފަހު ސަޕޯޓަރުން ދަނޑަށް އައުމުގެ އުފާ ފާހަގަކުރުމުގެ ހަރަކާތެއްގައި ރޯމާ އާއި ލާޒިޔޯގެ ލެޖެންޑުން ކަމަށްވާ ފްރެންސެސްކޯ ޓޮޓީ އަދި އަލެސެންދްރޯ ނެސްޓާ ވެސް ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އަދި ވައިގެ ތެރޭގައި ބޯޓުތަކުން ވެސް ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާއިރު، ރަސްމިއްޔާތު ނިމިގެންދާނީ ބަޑި ބޭހުގެ ކުޅިވަރުންނެވެ.
ޔޫރޯގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއޯ އޮލިމްޕިކޯ އަކީ 70،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ދަނޑަށް ވައްދާނީ ދަނޑުގެ 25 އިންސައްތައިގެ އަދަދެކެވެ.
އެހެން އަހަރުތަކާ ހިލާފަށް އެއް ގައުމެއްގައި މުބާރާތް ބޭއްވުމުގެ ބަދަލުގައި މިފަހަރު މި މުބާރާތް ޔޫރަޕްގެ 11 ގައުމެއްގައި ކުޅޭނެއެވެ. އެގޮތުން މިރޭގެ މެޗަށްފަހު ދެން ކޮންމެ ދުވަހަކު ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗު ކުޅޭނީ ރާއްޖެ ގަޑިން ހަވީރު 6، ރޭގަނޑު 9 އަދި ރޭގަނޑު 12 ގައެވެ.
މުބާރާތް ހުޅުވުމުގެ ގޮތުން އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.