Last Updated: July 6, 22:22
Sunday, July 6, 2025
ކުޅިވަރު

މުބާރާތުގެ ފުރަތަމަ މެޗަކީ އެންމެ އުނދަގޫ މެޗު: މަންޗީނީ

މުބާރާތުގެ ފުރަތަމަ މެޗަކީ އަބަދުވެެސް އެންމެ އުނދަގޫ މެޗު ކަމަށް އިޓަލީގެ ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މަންޗީނީ ބުނެފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި މިރޭ ގްރޫޕް އޭ ގައި ހިމެނޭ އިޓަލީން ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ވޭލްސް އާއި ސްވިޒަލޭންޑް އެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން މަންޗީނީ ބުނީ މުބާރާތުގެ ފުރަތަމަ މެޗަކީ އަބަދުވެސް އެންމެ އުނދަގޫ މެޗު ކަމަށާއި އެގޮތުން މާބޮޑަށް އެހެން ކަންކަމާއި މެދު ނުވިސްނާ، ކުރަންޖެހޭ ކަން ކުރުމަށް ކުޅުންތެރިންނަށް ބާރުއަޅާނެ ކަމަށެވެ.

"މުބާރާތުގެ ފުރަތަމަ މެޗަށް ވީމައާއެކު އިތުރު ކުޑަ ޕްރެޝަރެއް ވެސް އޮންނާނެ. އަނެއްކޮޅުން ތުރުކީ އަކީ ހުނަރުން ފުރިގެންވާ ޓީމެއް" 2018 ވަނަ އަހަރު އިޓަލީގެ ޓީމާއި ހަވާލުވި މަންޗީނީ ބުންޏެވެ.

އެންމެފަހުން ކުޅުނު 27 މެޗުން ވެސް އިޓަލީ ބަލިވެފައި ނުވާއިރު މަންޗީނީ ބުނީ ފާއިތުވި އަހަރުތަކުގައި އިޓަލީގެ ގައުމީ ޓީމަށް ދިމާވި ކަންތައްތަކަށްފަހު މިހާރު މިއޮތީ އަލުން އިޓަލީ ރައްޔިތުންގެ މޫނު މައްޗަށް ހިނިތުވުން ގެނެސްދިނުމަށް ފުރުސަތެއް ލިބިފައި ކަމަށެވެ. އަދި ކުރިއަށް އޮތް މަސް ދުވަހު ޓީމުގެ އަމާޒަކަށް ވާނީ އެކަން ކުރުމަށް ކަމަށާއި ގައުމީ ޓީމާއެކު މިހާތަނަށް ކުރެވުނު މަސައްކަތާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް މަންޗީނީ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން އިޓަލީގެ ހުނަރުވެރި މިޑްފީލްޑަރު މާކޯ ވެރާޓީ މި މެޗުގައި ނުކުޅެވޭނެއެވެ.

ތުރުކީ އާއި އިޓަލީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.