Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އީޕީއޭގެ ހުއްދަ ނެތި ރުއްގަސް ނަގާނަމަ ފިޔަވަޅު އަޅަނީ

މީގެ ކުރިން ގިނަ އަދަދެއްގެ ރުއްތައް ނަގައިގެން ބޭރު ކުރަނީ: ފޮޓޯ - ސޯޝަލް މީޑިޔާ

ރަށްރަށުން ރުއްގަސް ނަގަން ލޯކަލް ކައުންސިލްތަކުން ހުއްދަ ދިނަސް، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދަ ނެތި އެކަން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް އީޕީއޭ އިން ބުނެފިއެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ މީހުން އާބާދުވެފައިވާ ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގައި، ރިސޯޓުތަކާއި ހިއްކާފައިވާ ބިންތަކުގައި އިންދުމަށް ގެންދިޔުމަށް އެކިފަރާތްތަކުން އެދެމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު ދަށުން އެކުލަވާލާފައިވާ ރުއްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެންނެގުން އަދި އެއްރަށުން އަނެއްރަށް ގެންދިއުމާއި ބެހޭ ޤަވާއިދު"ގެ 05 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކަން ކުރެވޭނީ އެ އެޖެންސީގެ ހުއްދަ ލިބިގެން ކަމަށް އީޕީއޭ އިން ބުނެއެވެ.

ނަމަވެސް ހަމައެކަނި ކައުންސިލުގެ ހުއްދައަކަށް ރިޢާޔަތްކޮށް ގަވާއިދާ ހިލާފަށް ގިނަ ފަރާތްތަކުން މިމަސައްކަތްކުރަމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ރުއްގަސް ނެގޭނީ ކައުންސިލްގެ ހުއްދައިގެ އިތުރުން އެ އެޖެންސީގެ ހުއްދަ ލިބިގެންކަން ރިސޯޓް ތަރައްޤީކުރާ ފަރާތްތަކުންނާއި ކޮންޓްރެކްޓަރުން އަދި ކައުންސިލްތަކުން ޔަގީންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން މައިގަނޑު ހަތަރު ކަމަކަށް ބެލުމަށް އީޕީއޭ އިން ވަނީ އެދިއެވެ. އެ ކަންކަމަކީ:

– އެމަޝްރޫޢުއަކަށް ދޫކޮށްފައިވާ އީ.އައި.އޭ ޑިސިޝަން ސްޓޭޓްމަންޓް ނުވަތަ ރުއްގަސް ގަވާއިދުގެ ދަށުން ދެވިފައިވާ ހުއްދަ

– ދޫކުރެވިފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދެވިފައިވާ ރުއްގަހުގެ އަދަދު.

– ރުއްގަސް ނެގުމަށް ހުއްދަ ދެވިފައިވާ ސަރަހައްދުގެ ބޮޑުމިން.

– ރުއްގަހާއި އެކު ރަށްރަށުން ކަޅު ފަސް ބޭރުނުކުރުން.

އީޕީއޭ އިން ވަނީ ލިޔެކިޔުންތައް ފުރިހަމަ ނުކޮށް ރުއްގަސް ކަނޑައި ނުވަތަ ނަގައި އެއްރަށުން އަނެއް ރަށަށް އުފުލާ ފަރާތްތައް ޤާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ އެހީގައި ހުއްޓުވާ ފިޔަވަޅުއަޅާނެ ކަމަށް ބުނެފައެވެ.