Last Updated: June 23, 15:45
Wednesday, June 23, 2021
ޚަބަރު

ބިގޭ އަކީ ކެރޭ، ހީވާގި ލީޑަރެއް: ފަޒްނާ

އަލީފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) އަކީ ކެރޭ، ހީވާގި ލީޑަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވެފައިވަނީ ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އިސްލާހީ މަސައްކަތުގައި އުޅުއްވުމުން ޖަލަށްލައި ކަންތައް ކުރި ގޮތާއި ގުޅޭގޮތުން ބިގޭ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފަޒްނާ ވިދާޅުވީ ބިގޭ ވާހަކަ ދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި، ވަކި މީހަކު މޮޅުކޮށް ދެރަކޮށް ނޫންކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ނިންމުންތައް ނިންމުމުގައި އިސްކަން ދެނީ ވަގުތާއި ހާލަތަށް ބަލައި، އެ އިރަކު ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށްވެސް ބިގޭ ފާހަގަކުރެއްވި ކަމަށް ފަޒްނާ ވިދާޅުވިއެވެ.

"ބިގޭ އަކީ ވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެއް" ފަޒްނާ ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބިގޭ ވިދާޅުވީ އޭނާގެ ޖަލު ހަޔާތް ފެށުނީ 1990 ވަނަ އަހަރު ކަމަށާއި އެގޮތުން ދޫނިދޫ ޓިނު ގޮޅީގައި ހަ މަސް ދުވަސްވަންދެން އޮންނެވި ކަމަށެވެ. އޭގެ އިތުރުން ދޫނިދޫ ތިން ނަމްބަރު ކުޑަގޮޅީގައި ދެ ރޯދަ މަސް ހޭދަކުރެއްވި ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.

އަދި ހުކުމުގެ ބާކީ ބައި ތަންފީޒު ކުރަން އެއް އަހަރު ދުވަހު ހޯރަފުށީގައި އަދި ބާކީ އޮތް މުއްދަތު އަލިފުށީގައި ހުންނަވައިގެން ވެސް ތަންފީޒު ކުރެއްވި ކަމަށް ބިގޭ ވިދާޅުވިއެވެ.

ފަޒްނާ ބިގޭ އަށް ތައުރީފުކޮށްފައިވާއިރު، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުން އެ ޕާޓީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އެގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ ބިގޭ އެ ކޮމިޓީގެ ބައެއް މެމްބަރުންނަށް ގުޅައި މައްސަލަ ބޭރުކޮށްލަން އެދުމުންނެވެ.