ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަކީ އެމްޑީޕީގެ މަންމަ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ގެއްލުންވާ ފަދަ ކަމެއް އެކަމަނާ ނުކުރައްވާނެ ކަމަށް އަލީފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވެއްޖެއެވެ.
ބިގޭ މިހެން ވިދާޅުވެފައިމިވަނީ މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މާރިޔާ އަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ކަމަށް ބުނެ އެކަމަނާގެ އިސްތިއުފާ އަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި މިއަދު ވާހަކަދައްކަމުން ބިގޭ ވިދާޅުވީ މާރިޔާ އަކީ އެމްޑީޕީގެ މަންމައެއްގެ ގޮތުގައި ޕާޓީގެ ހުރިހާ މެމްބަރުން ވެސް ބަލާ ކަމަށާއި އެގޮތުން އެމްޑީޕީ އަށް ދެރަވާ ކަމެއް ވެސް އަދި ހާއްސަކޮށް ނަޝީދަށް ގެއްލުމެއް ވެދާނެ ފަދަ ކަމެއް ވެސް މާރިޔާ ނުކުރައްވާނެ ކަމަށެވެ.
"ސިޔާސީ ބޭނުމަކަށްޓަކާ އިނގިލި ދިއްކުރެވިދާނެ މާރިޔާއާ ދިމާލަށް އަދި އެހެން ވަޒީރަކާއި ދިމާލަށް ވެސް" ބިގޭ ވިދާޅުވިއެވެ.
އަދި ވަޒީރަކު މަގާމުން އިސްތިއުފާ ދޭންޖެހޭނީ އަދި ވަޒީރަކު މަގާމުން ދުރުކުރަން ވެސް ޖެހޭނީ އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކަމެއްގައި ސާފު ހެކި ހުރެގެން ކަމަށާއި ނަމަވެސް މިހާރު އޮތީ އެފަދަ ހާލަތެއް ނޫން ކަމަށްވެސް ބިގޭ ވިދާޅުވިއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، ބޭރުގެ ފަރާތްތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.