މިދިޔަ މަހުގެ ހަވަނަ ދުވަހުގެރޭ ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު އިތުރު ސާޖަރީއެއް ކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ވިދާޅުވެއްޖެއެވެ.
ނަޝީދުގެ އާއިލާ އިން ވިދާޅުވި ގޮތުގައި ހަމަލާއާ ގުޅިގެން ފަޔަށް ލިބިފައިވާ ޒަހަމަކާއި ގުޅިގެން މިއަދު ސާޖަރީއެއް ކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން އޭޑީކޭގައި ވެސް ނަޝީދު ގިނަ ސާޖަރީތަކެއް ކޮށްފައިވާއިރު، އިތުރު ފަރުވާ އަށް މިދިޔަ މަހުގެ މެދުތެރޭ އެމަނިކުފާނުގެ ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް ނަޝީދުގެ ފަރުވާގެ ކަންކަން އަދިވެސް ދަނީ ކުރިއަށެވެ.
ނަޝީދަށް ހަމަލާދީފައިވަނީ އިވެންޓެއްގައި ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް ކާރުކޮޅު ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.
އެ ހަމަލާއާ ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ ބޭރުގެ މާހިރުންނާއެކު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތައް ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.