Last Updated: June 30, 20:43
Monday, June 30, 2025
ޚަބަރު

އެމްޑީޕީ ދެބައިވީ ވެރިކަން ލިބުމާއެކު ޕާޓީގެ އުސޫލުތައް ބޮލާލާ ޖެހުމުން

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) - ފޮޓޯ: މަޖިލިސް

އެމްޑީޕީ ދެބައިވީ ވެރިކަން ލިބުމާއެކު ޕާޓީގެ އުސޫލުތައް ބޮލާލާ ޖެހުމުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވައްޑޭ މިހެން ވިދާޅުވެފައިމިވަނީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރާ ދެމެދު ހިޔާލުތަފާތުވުންތައް އުފެދި، އެމްޑީޕީގެ މަސައްކަތް ދެބައިވާތަން ފެންނަމުންދާ ކަމަށް އަލިފުށީ ދާއިރާ މެމްބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) މިއަދު ވިދާޅުވެފައއިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީ ދެބައިވީ ވެރިކަން ލިބުމާއެކު ބަޣާވާތް ކުރި މީހުން ރުއްސުމަށްޓަކާ ޕާޓީގެ ހުރިހާ އުސޫލުތަކާ އަދި އެމްޑީޕީން ވިއްކި ސިޔާސަތުތައް ބޮލާލާ ޖެހި ހިސާބުން ކަމަށެވެ.

މީގެއިތުރުން ވައްޑެ މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދުގެ ފުރާނައިގެ އަގަށްވުރެ، ޅިޔަނުންގެ އަބުރުފުޅުގެ އަގު މަތި ކުރާން އުޅޭ ތަން ފެންނަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި ވައްޑެގެ މި ވާހަކަ ވެސް އަމާޒުކޮށްފައިވަނީ ބިގޭ އަށެވެ. އެގޮތުން ބިގޭ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޅިޔަނެވެ.

ބިގޭގެ ދިފާއުގައި މިއަދު ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފައެވެ. އެގޮތުން ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި އިސްލާހީ މަސައްކަތުގައި އުޅުއްވުމުން ޖަލަށްލައި ކަންތައް ކުރި ގޮތާއި ގުޅޭގޮތުން ބިގޭ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ފަޒްނާ ވަނީ ބިގޭ އަކީ ހީވާގި ލީޑަރެއް ކަމަށް ވިދާޅުވެފައެވެ.

"ބިގޭ އަކީ ވެސް ބަސްމަދު އަމަލު ގިނަ، ސިޔާސީ ތަޖުރިބާ ހުރި، ކެރޭ، ހީވާގި ލީޑަރެއްކަން ހާމަވެގެން ހިނގައްޖެއް" ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ބިގޭ އަށް ތައުރީފުކޮށްފައިވާއިރު، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ބައެއް މެމްބަރުންގެ ވޯޓާއެކު ބޭރުކޮށްލުމުން އެ ޕާޓީގެ އެތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.

އެގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ތުހުމަތުކުރާ ގޮތުގައި އެ މައްސަލަ އެ ކޮމިޓީން ބޭރުކޮށްލީ ބިގޭ އެ ކޮމިޓީގެ ބައެއް މެމްބަރުންނަށް ގުޅައި މައްސަލަ ބޭރުކޮށްލަން އެދުމުންނެވެ.