Last Updated: April 19, 21:43
Friday, April 19, 2024
ޚަބަރު

ހުޅުދޫ މީދޫގައި ކޮވިޑު ކޭސްއެއް ނެތް، އެކަމަކު ކާފިއު ހިންގާފައި!

ސ.މީދޫ ބޮޑުމަގު، ފޮޓޯ: ޝަރަފު/އައްޑޫލައިވް

ކޮވިޑު-19 އާއި ގުޅިގެން އައްޑޫ ސިޓީގައި ކާފިއު ހިންގާފައިވާ އިރު ހުޅުދޫ-މީދޫ އިން ބަލި ޖެހުނު އެންމެން ބަލިން ފަސޭހަވެފައިވާ އިރު އަދިވެސް އެދެރަށުގައި ކާފިއު ހިންގައި، ބަންދުކޮށްފައިވާތީ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.

ހުޅުދޫ-މީދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ފާއިތުވި ހަފްތާއެއްހާ ދުވަހު ހުޅުދޫ އަދި މީދޫއިން ނެގުނު އެއްވެސް ރެންޑަމް ސާމްޕަލްއެއް ކޮވިޑަށް ޕޮޒިޓިވް ނުވާއިރު މި ދެރަށަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް އެއްވެސް ލުޔެއް ނުދޭތީއެވެ. އެޗްޕީއޭއިން އަންގާފައިވާ ގޮތުން ކޮންމެ ދުވަހަކު ހަވީރު 4 އިން ފަތިހު 4 އަށް އެއީ ކާފިއު ގަޑިއެވެ. ޖަމާއަތުގައި ނަމާދެއް ނުކުރެވެއެވެ. ރަށު ބަންދުން ވީއްލޭނެ ގޮތެއް ނެތެވެ. މީގެ ސަބަބުން ރަށުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އައްޑޫން މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ކޮވިޑުގެ ކޭސްއެއް ފެނުނީ މީދޫއިންނެވެ. ހުޅުދޫގައި ދުއްވާ ނިއުލައިން ބޯޓުގެ ފަޅުވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެދެރަށް މޮނިޓަރިންއަށް ގެނެވިފައިވަނިކޮށް ހިތަދޫން ކޭސްތަކެއް ފެނި މުޅި އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މޭއި 2 ވަނަ ދުވަހުއެވެ. އޭގެ ފަހުން މުޅި އައްޑޫގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގިއެވެ.

ނަމަވެސް ހިތަދޫ ފިޔަވައި ދެން ބާކީ ހުރި ރަށްތަކުގައި ބަލި ފެތުރުން މިވަނީ ކޮންޓްރޯލް ވެފައެވެ. މިވަގުތު އައްޑޫގައި އެކްޓިވް ކޭސްތަކެއް އުޅެނީ ފޭދޫ އާއި މަރަދޫގައެވެ. ފޭދޫގައި އެންމެ މީހަކު ހުރި އިރު މަރަދޫގައި ތިބީ އެކްޓިވް ދެ މީހެކެވެ. ނަމަވެސް ހިތަދޫން ގިނަ ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެ އެރަށުގެ ހާލަތު ވަނީ ގޯސްވެފައެވެ.

ހުޅުދޫ މީދޫ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެދެރަށުގެ ރައްޔިތުންނާއި މެދު އަބަދުވެސް ގެންގުޅޭ ތަފާތު ކުރުމެވެ. އެގޮތުން ބައެއް ރައްޔިތުން ބުނީ ހުޅުދޫ-މީދޫއިން ފުރަތަމަ ކޭސް ތަކެއް ފެނުމުން ބަންދުކުރީ އެ ދެރަށް އެކަނި ކަމަށެވެ. މުޅި އައްޑޫ ލޮކްޑައުން ކުރީ ގުޅިފައިވާ ރަށްތަކުން ކޭސްތަކެއް ފެނުމުންކަމަށެވެ. ނަމަވެސް މިހާރު މި ފެެންނަނީ އެ ދެރަށުގައި އެންމެ ކޭސްއެއް ނެތް އިރުވެސް ބާކީ އައްޑޫގެ ދެން ތިބި ގުޅިފައިވާ ރަށްތަކަށް އަޅާފައިވާ ފިޔަވަޅުތަކެއް އަޅާފައި އޮތުމެވެ.

"އަޅުގަނޑުމެންނަކަށް ނެތް، ކެފޭއެއް ރެސްޓޯރެންޓެއް، ފިހާރައެއް ހިންގޭކަން، މީހުން މިތިބަ ބަނގުރޫޓުވަނީ، މިއީ އެއްވެސް އިންސާފުވެރި ގޮތެއް ނޫން މި ގޮތަށް ބަންދުވެގެން ތިބޭން" މީދޫން ވާހަކަ ދެއްކި މީހަކު ހިތް ހަމަނުޖެހުން ފާޅުކުރަން ބުންޏެވެ.

ހުޅުދޫ-މީދޫ ގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ނުލިބޭތީ ގިނަ ވިޔަފާރިވެރިން ވެސް ތިބީ ކަންބޮޑުވެފައެވެ. ގާތްގަޑަކަށް ދެ މަހެއްހާ ދުވަހު ބަންދުވެގެނ ްތިބެ ގިނަ ވިޔަފާރިތައް މިވަނީ ބަނގުރޫޓުވެފައެވެ. ނަމަވެސް މި ވެރިންގެ ކަންބޮޑުވުން ވެރިން އަހާހެނެއް ހީނުވެއެވެ.