Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ބިލުގެ ސަބަބުން ލާދީނީ ގޮވުން އިތުރުވެދާނެ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު -- ފޮޓޯ / ސަން

ލާދީނީ ގޮވުން މަދުކުރެވޭނީ އާންމުން ހޭލުންތެރިކޮށްގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ އަގީދާއާ ގުޅުވައިގެން ނަފްރަތު އުފެއްދުމަކީ ގާނޫނީ ކުށަކަށް ހަދަން ޤާނޫނުލްއުޤޫބާތު އިސްލާހުކުރަން ސަރުކާރުން ހުށަހެޅި ބިލަށް އަމާޒުކޮށް ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އާދަމް ޝަރީފް ވިދާޅުވީ އެ ބިލަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި އެ ބިލުގެ ސަބަބުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އިތުރުވެ، ނަފްރަތު ކުރާ މީހުން ގިނަވެ، ލާދީނީ ގޮވުން އިތުރުވެދާނެ ކަމަށެވެ. އަދި ލާދީނީ ގޮވުން މަދުކުރެވޭނީ ހޭލުންތެރިކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެ ބިލުގެ އެއް ވަނަ ނަމްބަރުގައިވާ ގޮތުން، އެ ބިލް ގާނޫނަކަށް ވުމުން، ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ނުވަތަ ދީނާ ދެކޮޅު މީހެއް ކަމަށް އާއްމު ތަނެއްގައި ބުނުން ވާނީ ޖަލު ހުކުމެއް އަންނާނެ ކުށަކަށެވެ.

އެ މާއްދާ އެހެން އޮންނާތީ ބައެއް ދީނީ އިލްމުވެރިންނާއި އާއްމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން 101 އިލްމުވެރިޔަކު ސޮއިކޮށް އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދާދިފަހުން ވަނީ ޕެޓިޝަނެއް ފޮނުއްވާފައެވެ.

ނަފްރަތުގެ ބިލުގައި ކަންބޮޑުވުންތައް އެބަހުރި ކަމަށާއި އެ ކަންބޮޑުވުންތައް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ.

މި ބިލާއި މެދު ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.