Last Updated: April 26, 23:59
Saturday, April 27, 2024
ޚަބަރު

އީސަގެ މައްސަލަ ކާމިޔާބު ކުރެވޭނެ: ޕީޖީ

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

ގެވެށި އަނިޔާގެ މައްސަލާގައި ދައުވާ އުފުލާފައިވާ ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އީސަގެ މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.

އީސަގެ މައްޗަށް ކޮށްފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ. އީސަގެ މައްޗަށް މި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މި މަހުގެ ތިންވަނަ ދުވަހުއެވެ. މި ދައުވާ އީސަގެ މައްޗަށް އުފުލާފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމުގެ ތުހުމަތުގައެވެ.

ގެވެށި އަނިޔާގެ މައްސަލައިގައި އީސަގެ މައްޗަށް ދައުވާ ކޮށްފައިވާއިރު އެ ދައުވާ އަނބުރާ ގެންގޮސްދިނުމަށް އަސްރާ ވަނީ އެދިފައެވެ. އެ މައްސަލައިގެ ޝަރީއަތް މާދަމާ ހެނދުނު 11:00 ގައި ކްރިމިނަލް ކޯޓުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ މިއީ އާ ކަމެއް ނޫން ކަމަށާއި ވިކްޓިމް އަލުން ބަދުނާމުކޮށް، ވިކްޓިމް އަލުން ރީވިކްޓިމައިޒް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި މި ނިޒާމު ހިންގުމުގެ ނަތީޖާއަކީ އަނިޔާ ލިބުނު މީހާ އިތުރަށް ބަދުނާމު ކުރުން ކަމަށްވާނަމަ ނިޒާމު ހިންގުމުގެ ބޭނުމެއް ވެސް ނެތް ކަމަށާއި ވިކްޓިމް އަށް އިތުރަށް ގެއްލުން ނުދީ އޭނާ އަށް ތުރާނުކޮށް ނިޒާމު ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އިނގޭ މި ވާން އުޅޭ ގޮތް ވެސް. ދެން ވާނެ ގޮތްވެސް އިނގޭ، އޭގެފަހުން ވާނެ ގޮތްވެސް އެބަ އިނގޭ. މި މައްސަލަ ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރަނީ" ޝަމީމް ވިދާޅުވިއެވެ.

ގެވެށި އަނިޔާގެ މައްސަލައިގައި އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުންގެ އެދުމުގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދިފައިވެއެވެ. ނަމަވެސް އެ ކޯޓުން ވަނީ އެފަދަ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ކަނޑައަޅާފައެވެ.

ގެވެށި އަނިޔާގެ މައްސަލައިގައި އީސަގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެމައްސަލައާ ގުޅިގެން އިސަ މަޖިލީހުގައި މުގައްރިރުކަން ކުރަމުން އަންނަ އިޖުތިމާއި ކޮމިޓީގެ މުގައްރިރުކަމުން ވަކިކުރުމަށް ކޮމިޓީގެ މެމްބަރުން ހުށަހެޅުމުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. އަދި އީސަ ނިސްބަތްވާ އެމްޑީޕީން ވަނީ އެ ޕާޓީގެ އެތެރޭގެ ކޮމިޓީތަކުން އޭނާ ސަސްޕެންޑްކޮށްފައެވެ.

މި މައްސަލައިގައި އީސަ މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައިނުވާނެކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަދި ހާއްސަކޮށް ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންނަށް އަރުވާކަމަށެވެ.