Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފްލައިން ސްކޫލް ހިންގާ އިމާރާތް ހުސްކުރަން އަންގައިފި

އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލް އިމާރާތް ހުސްކުރަން ގަން އެއާޕޯޓު ކުންފުނިން، އެ ސްކޫލް ހިންގާ ސްރީލަންކާގެ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އަށް އަންގައިފިއެވެ.

އޭއޭއޭ އާއި ގަން އެއާޕޯޓު ކުންފުންޏާ ދެމެދު ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު އަންނަ މަހުގެ 31 ގެ ނިޔަލަށް ހަމަވާއިރު ކޮންޓްރެކްޓް އާނުކުރަން ގަން އެއާޕޯޓު ކުންފުނިން ވަނީ ނިންމާފައެވެ. ކޮންޓްރެކްޓް އާނުކުރަން ނިންމާފައިވާއިރު ފްލައިން ސުކޫލް ރާއްޖޭގެ އެވިޑް ކޮލެޖާ ހަވާލުކުރަން ނިންމައި އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރަން ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީ (އޭއައިއޭ)ގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ އަންނަ މަހުގެ ނިޔަލަށް ފްލައިން ސްކޫލް ހިންގާ އިމާރާތް ހުސްކުރަން އޭއޭއޭ އަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި ފްލައިން ސްކޫލް ހިންގަން އެވިޑް ކޮލެޖާއި އޭއޭއޭ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް ގަން އެއާޕޯޓުގައި އެ ސްކޫލް ނުހިންގޭނެ ކަމަށްވެސް ގައިސް ވިދާޅުވިއެވެ.

ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، އަދި ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުން އަންނަނީ މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ހައްލެއް ކަމަށް ބުނަމުންނެވެ.

ފްލައިން ސްކޫލްގެ މައްސަލަ އަށް ހައްލެއް ލިބިފައި ނުވާއިރު، ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އިން ދާދިފަހުން ވަނީ އިއުލާނެއްކޮށްފައެވެ. އެ އިއުލާނާއި ގުޅިގެން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް 13 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ. ނަމަވެސް މި ފްލައިން ސްކޫލް ހިންގާނީ ރާއްޖޭގެ ކޮން އެއާޕޯޓެއްގައި ކަމެއް އައިއޭއެސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.