Last Updated: March 29, 14:00
Friday, March 29, 2024
މުނިފޫހިފިލުވުން

ޓިކްޓޮކް އިން ހަތް މިލިއަން އެކައުންޓް ރިމޫވްކޮށްފި

ޓިކްޓޮކް ބޭނުން ކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ އުމުރަށް ވުރެ ހަނގުކަމަށް ބެލެވިފައިވާ ހަތް މިލިއަނަށްވުރެ ގިނަ ކުދިންގެ އެކައުންޓް ޓިކްޓޮކްއިން ރިމޫވް ކޮށްފިއެވެ.

ވީޑިއޯ ޝެއަރ ކުރެވޭ މި ޕްލެޓްފޯމަކީ ގިނަ އަދަދެއްގެ ބަޔަކު ބޭނުން ކުރަމުންދާ ޕްލެޓްފޯމެކެވެ. އެކި މީހުން ތަފާތު ހުނަރުތައް ވީޑިއޯގެ ޒަރިއްޔާއިން ދައްކާލާއިރު މީހުންނަށް ދައްކާލަން ބޭނުންވާ ތަފާތު ވައްތަރުގެ ވީޑިއޯތައް ގިނަ މީހުން ދަނީ މި އެޕްލިކޭޝަން މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.

ޓިކްޓޮކް ބޭނުން ކުރެވޭނެ ކަމަށް ކަނޑައަޅާފައިވަނީ 13 އަހަރުން މަތީގެ މީހުންނެވެ. އެހެން ކަމުން 13 އަހަރުން ދަށުގެ ކުދިންނަށް އެކައުންޓް ހަދައިގެން މި އެޕްލިކޭޝަން ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް ޓިކްޓޮކްއިން ވަނީ ނިންމާފައެވެ.

މިއީ މިފަދަ ގޮތަކަށް ޓިކްޓޮކްއިން ހިސާބު އާންމު ކުރި ފުރަތަމަ ފަހަރެވެ. ކޮމިއުނިޓީ ގައިޑްލައިން އެންފޯސްމަންޓް ރިޕޯޓްގައި މި އަދަދު ހާމަކޮށް ޓިކްޓޮކްއިން ބުނެފައިވަނީ މިކަމުގެ ސަބަބުން އާންމުންނަށް ޓިކްޓޮކްގެ ޤަވާއިދުތައް އެނގިގެންދާނެ ކަމަށެވެ. އެ ގޮތުން މި އެޅި ފިޔަވަޅަކީ ކުޑަކުދިންގެ ހިމާޔަތަކަށް އެޅުނު ފިޔަވަޅެއް ކަމަށް ވެސް އެ ފަރާތުން ހާމަކުރެއެވެ.

ރިޕޯޓްގައި ހާމަކޮށްފައިވާ ކަންތަކަށް ބަލާއިރު 61,951,327 ވީޑިއޯ އެޕްލިކޭޝަންގެ ގަވާއިދުތަކާއި ޚިލާފު ވެފައިވާތީ ރިމޫވް ކޮށްފައިވެއެވެ. އެއީ އަޕްލޯޑް ކޮށްފައިވާ ވީޑިއޯތަކުގެ 1 އިންސައްތައަށް ވުރެ މަދު އަދަދެއް ކަމަށް ބަޔާން ކޮށްފައިވެއެވެ. އޭގެ ތެރެއިން 82 އިންސައްތަ ރިމޫވް ކޮށްފައިވަނީ އެއްވެސް ބަޔަކަށް ފެނުމުގެ ކުރިން ކަމަށާއި، 91 އިންސައްތަ ރިމޫވް ކޮށްފައިވަނީ އެއްވެސް މީހަކު ރިޕޯޓް ކުރުމުގެ ކުރިން ކަމަށް ވެސް ރިޕޯޓްގައި ލިޔެފައިވެއެވެ. އަދި އޭގެ ތެރެއިން 93 އިންސައްތަ ރިމޫވް ކުރެވިފައިވަނީ އަޕްލޯޑް ކުރިތާ 24 ގަޑިއިރުވެސް ނުވަނީސް ކަމަށް ވެސް ޓިކްޓޮކްއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން 1,921,900 އިޝްތިހާރު ޕޮލިސީތަކާއި ޚިލާފު ވުމުގެ ސަބަބުން ރިމޫވް ކޮށްފައިވެއެވެ. އަދި 11,149,514 އެކައުންޓްތައް ގައިޑްލައިންތަކާއި ޚިލާފު ވެގެން ރިމޫވް ކޮށްފައިވެއެވެ.

ޗައިނާގެ މަޝްހޫރު މި އެޕްލިކޭޝަން އަކީ ޒުވާނުންގެ މެދުގައި ވަރަށް މަޝްހޫރު އެއްޗަކަށް ވަނީ ވެފައެވެ. ރާއްޖޭގައި ވެސް ޓިކްޓޮކް ތަރިން ވަނީ އުފެދިފައެވެ. ޓިކްޓޮކްއިން ފެނި މަޝްހޫރުވެ އާންމުންގެ މެދުގައި މަޤްބޫލްކަން ހޯދަމުންދާ ދިވެހިން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.