Last Updated: May 1, 20:45
Wednesday, May 1, 2024
ޚަބަރު

އާމިރުޚާންގެ ކައިވެނި 15 އަހަރަށްފަހު ނިމުމަކަށް

އާމިރު ޚާންއާއި ކިރަން ރާއޯގެ ކައިވެނި 15 އަހަރަށްފަހު ނިމުމަކަށް އަތުވެއްޖެއެވެ.

15 ވަނަ ކައިވެނީގެ އަހަރީ ދުވަސް އެންމެ ފަހުން ފާހަގަކުރި އާމިރުޚާންގެ ދެމަފިރިން ވަނީ އެމީހުންގެ ކައިވެނި ނިމުމަކަށް އައިސް ވަރިވުމަށް ނިންމާފައިވާ ކަމަށްބުނެ ރަސްމީ ސްޓޭޓްމަންޓެއް ނެރެފައެވެ.

ސްޓޭޓްމަންޓްގައި އާމިރު އާއި ކިރަން ބުނެފައިވަނީ އެ ދެމީހުން މިހާރު ނިންމާފައިވަނީ ދުވަސްކޮޅަކަށް ވަކިވުމަށް ކަމަށެވެ. އެހެން ނަމަވެސް އެކުވެރިކަމާއެކު އެމީހުންގެ ދަރިފުޅު އާޒާދު ބަލާބޮޑުކުރުމުގައި ދެމީހުން އެކުގައި ކުރިޔަށްދާނެ ކަމަށެވެ.

އަދި "ޕާނީ ފައުންޑޭޝަން" އަށް ދެމީހުން އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް އެ ސްޓޭޓްމަންޓްގައި ބުނެފައިވެއެވެ. 15 އަހަރުގެ ވަރަށް ހިތްގައިމު ހަޔާތެއް އުފަލުގައި ހޭދަކުރެވުނު ކަމަށާއި މިހާރު ދެމީހުންގެ މަޝްވަރާގެ މަތިން ވަރިއާއި ހަމަޔަށް އަންނަން ވިސްނަމުންދާތާ ދުވަސްކޮޅެއް ފަހުން އެގޮތަށް އަމަލު ކުރުމަށް ދެމީހުން ނިންމާފައިވާ ކަމަށް އެ މީހުން ބުނެފައިވެއެވެ.

ވަކިވި ކަމުގައި ވިޔަސް މައިންބަފައިންގެ ގޮތުގައި އަދި އެކުވެރިންގެ ގޮތުގައި ކުރިޔަށް ދާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ. އެމީހުންގެ ދިރިއުޅުމުގައި އަދި ވަކިވުމަށް ނިންމި ނިންމުމުގައި އެމީހުންގެ ހާލަތު އެނގިގަނެ އެކަމަށް އެހީތެރިވެ އެއްބާރުލުން ދިން އާއިލީ މީހުންނާއި އެކުވެރިން ފާހަގަކޮށް އެ ސްޓޭޓްމަންޓްގައި އާމިރު އާއި ކިރަން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ.

އާމިރު ޚާންގެ ކުރީގެ އަނބިމީހާ ރީނާ ދައްތާއާއެކު ވެސް އާމިރު ޚާން ވަނީ 16 އަހަރު ހޭދަކޮށްފައެވެ. އެ ދެމީހުންގެ ކައިވެނި ނިމުމަކަށް އައީ 2002 ވަނަ އަހަރުގައެވެ. އެއަށްފަހު 2005 ވަނަ އަހަރު އާމިރު ޚާން ދެވަނަ ކައިވެންޏެއް ކޮށްފައިވަނީ ކިރަން ރާއޯއާއެވެ.