Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ސަރޯޖް ޚާންގެ ދިރިއުޅުމަށް ބޫޝަން ކުމާރު ފިލްމެއް އުފައްދަނީ

އިންޑިއާގެ މަޝްހޫރު ކޮރިއޯގްރާފަރ ސަރޯޖް ޚާންގެ ދިރިިއުޅުމަށް ބޫޝަން ކުމާރު ފިލްމެއް އުފައްދަން ނިންމައިފިއެވެ.

ބޫޝަން ކުމާރު މިގޮތަށް ނިންމާފައިވާ ކަމަށް ވަނީ އިއުލާން ކޮށްފައެވެ. ސަރޯޖްއަކީ އިންޑިއާގެ އެންމެ ފުރަތަމަ އަންހެން ކޮރިއޯގްރާފަރ އެވެ. ބޫޝަން އުފައްދަން ހަމަޖެހިފައިވާ ފިލްމުގައި ސަރޯޖްގެ ކެރިއަރުގައި އޭނާ ހުރަސްކޮށްފައިވާ އުނދަގޫ ދުވަސްތަކާއި ކާމިޔާބީއަށް ވާސިލްވުމަށް އޭނާ ދިރިއުޅުން ހޭދަކުރިގޮތް ތަފްސީލްކޮށް ދައްކުވައިދޭނެ ކަމަށް ބޫޝަން ވަނީ ބުނެފައެވެ. އަދި މި ފިލްމު އުފެއްދުމުގެ ހުއްދަ ހޯދާފައިވާ ކަމަށް ވެސް އޭނާ ބުނެއެވެ. އެގޮތުން ހުއްދަ ހޯދުމަށް ދާދި ފަހުން ސަރޯޖްގެ ދަރިންގެ ގާތަށް ބޫޝަން ވަނީ ގޮސްފައެވެ.

ސަރޯޖްގެ ނަން ބޮލީވުޑް އިންޑަސްޓްރީގައި ވިދަން ފަށާފައިވަނީ 80 އަދި 90ގެ އަހަރު ތަކުގައި ނެރުނު ފިލްމުތަކުގައި ނަށާ ލަވަތަކަށް އޭނާ ގެނުވި ފުރިހަމަ ކަމުގެ ސަބަބުންނެވެ. 50 އަހަރަށް ދިގުދެމިގެން ދިޔަ ކެރިއަރުގައި އޭނާ އެކްޓަރުންނަށް ދަސްކޮށްދިން ނެށުމުގެ ސަބަބުން ވަރަށް ގިނަ މަންޒަރުތަކާއި ލަވަތަކަށް ވަނީ މަޤްބޫލުކަން ލިބިފައެވެ.

ސަރޯޖް ވެފައިވަނީ އެ ދުވަސްވަރު ކެމެރާގެ ފުރަގަހުގައި ހުރިހާ ފިރިހެނުންނާއި އެކު މަސައްކަތް ކުރަން ނިކުތް ފުރަތަމަ އަންހެނާއަށެވެ. އޭނާ ދެއްކި މިސާލުގެ ސަބަބުން އެ ދާއިރާއަށް ގިނަ އަންހެނުންތަކެއް ފަހުން އިތުރު ވެގެން ދިޔައެވެ. އުމުރުން އެންމެ 3 އަހަރުގައި ނަށަން ފެށި ސަރޯޖް އުމުރުން އެންމެ 12 އަހަރުގައި ވަނީ އެސިސްޓެންޓް ކޮރިއޯގްރާފަރެއްގެ މަޤާމް ވެސް އަދާކޮށްފައެވެ.

ސަރޯޖް ގެނެސްދިން ނަށާ ލަވަތަކުގެ ތެރޭގައި " އެކް ދޯ ތީން"، "ޗޯލީކޭ ޕީޗޭ ކިޔާހޭ"، "ހަވާ ހަވާއީ"، "ދަކް ދަކް ކަރްނޭ ލަގާ"، ފަދަ ލަވަތައް ހިމެނެއެވެ. އަދި ފިލްމް "ދޭވްދާސް"، "ލަމްހޭ"، "ނަގީނާ"، "ކަލަންކް"، "ޗާންދްނީ"، "ސާވަރްޔާ"، "ތާލް"، "ހަމް ދިލް ދޭޗުކޭ ސަނަމް"، ފަދަ ފިލްމުތަކަށް އޭނާ ވަނީ ލަވަތައް ކޮރިއޯގްރާފް ކޮށްފައެވެ.

ސަރޯޖް ޚާން އުމުރުން 71 އަހަރުގައި މަރުވެފައިވަނީ 02 ޖުލައި 2020 ގައެވެ.