Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މިވަގުތު މީހަކަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ ވަޒީފާ: ސޯނޫ ސޫދު

މިވަގުތު މީހަކަށް ދެވޭނެ އެންމެ ބޮޑު އެހީއަކީ ވަޒީފާކަމަށް މަޝްހޫރު ބޮލީވުޑްގެ ދަރި އަދި ގިނަ ބައެއްގެ އެހީތެރިޔާ ސޯނޫ ސޫދު ބުނެފިއެވެ.

ސޯނޫ މިހެން ބުނެފައިވަނީ އޭނަ ކުރި ޓްވީޓެއްގައެވެ.

ސޯނޫ މިފަދައިން ޓްވީޓް ކޮށްފައި މިވަނީ އިންޑިއާގައި ކޮވިޑް ޕެންޑަމިކްގެ ސަބަބުން ވަރަށް ގިނަ ބައެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ ދުވަސްކޮޅެއްގައެވެ. ސޯނޫ ވެފައިވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އަމަލީ ގޮތުން ނިކުމެ އެހީތެރިކަން ފޯރުވައިިދޭ އިންޑިއާގެ ފަންނާނުންގެ ތެރެއިން އެންމެ ކުރީގައި އުޅޭ މީހާއަށެވެ.

މި ދުވަސްކޮޅު ސޯނޫ ވަނީ ގިނަ ބަޔަކަށް ހިލޭ ސާބަހަށް ކިޔަވައިދިނުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ކިޔަވައިގެން މަސައްކަތުގެ ދާއިރާއަށް ނިކުތުމުގެ ފުރުސަތު ވީހާވެސް ގިނަ ބަޔަކަށް ހޯދައިދިނުމަކީ އޭނާ ބޭނުންވާ ގޮތެވެ. އެޓާގެޓަށް ވާސިލްވުމަށް އޭނާ ދަނީ ވަރަށް ބުރަ މަސައްކަތްތައް ކުރަމުންނެވެ.

މީގެ އިތުރުން ސޯނޫ ދަނީ ކެރެލާގައި އޮންލައިންކޮށް ކުދިންނަށް ކިޔަވައިދޭން ފެށުމާއި ގުޅިގެން ދަށް އިންޓަރނެޓް ސްޕީޑްގެ ސަބަބުން ކުދިންނަށް ކިޔަވުމަށް އެޅިގެންދާނެ ހުރަސްތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ޕެންޑަމިކްގެ ތެރޭގައި އެންމެ ބޮޑަށް ސޯނޫ މީހުންނަށް މަޝްހޫރު ވެގެންދިޔައީ އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރެވި ތާށިވެފައި ތިބި އެތައް މަސައްކަތްތެރިންނެއް އެމީހުންގެ ގެދޮރަށް ފޮނުވުމުގައި އަވަދިނެތި ކުރި މަސައްކަތުގެ ސަބަބުންނެވެ. އަދި މިނޫނަސް މީހުންނަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގައި ސޯނޫ އަދި އޭނާގެ ޓީމްތައް އަދިއަދަށް ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރިއަލިޓީ ޝޯވ ޑާންސް ދިވާނޭއަށް ދިން ދައުވަތަކަށް އެ ޝޯވ އަށް ގޮސް ސޯނޫ ބުނެފައިވާ ގޮތުގައި އޭނާއަށް މީހުންނަށް އެހީތެރިވުމުން ލިބުނު ހިތްހަމަޖެހުމަކީ ބަޔާން ކުރަން ނޭނގޭވަރުގެ ހިތްހަމަޖެހުމެއް ކަމަށެވެ. އެހެން ކަމުން އެކަން ދެން ދޫކޮށް ނުލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.