Last Updated: April 25, 12:03
Thursday, April 25, 2024
މުނިފޫހިފިލުވުން

ދިލިޕް ކުމާރު މަރުވެއްޖެ

އިންޑިއާގެ ލެޖެންޑްރީ އެކްޓަރު، ދިލިޕް ކުމާރު މަރުވެއްޖެއެވެ.

އުމުރުން 98 އަހަރުގައި ދިލިޕް ކުމާރު މަރުވެފައިވަނީ މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ސިއްހީ ހާލަތު ގޯސްވުމާ ގުޅިގެން މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ދިލިޕް ކުމާރަށް ދިޔައީ އެ ހޮސްޕިޓަލުގެ އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންނެވެ.

ސިއްހީ މައްސަލަތަކާ ގުޅިގެން ފާއިތުވި ދުވަސްތަކުގައި ވެސް އެތައް ފަހަރެއްގެ މަތިން ދިލިޕް ކުމާރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ ކުރީކޮޅު ނޭވާލާން އުނދަގޫވުމުގެ ސަަބަބުން ވެސް އޭނާ އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ.

ބޮލީވުޑްގެ ލެޖެންޑެއްގެ މަގާމު ދީފައިވާ ދިލިޕް ކުމާރު ވަނީ ޖުމްލަ 65 ފިލްމެއްގައި އެކްޓަރުގެ ރޯލު އަދާކޮށްފައެވެ. ދިލިޕް ކުމާރުގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ދޭވްދާސް އާއި ކަރްމާ އާއި ގީލާ ފަދަ ފިލްމުތައް ފާހަގަކޮށްލެވެއެވެ.

ދިލިޕް ކުމާރުގެ މަރާއެކު އޭނާ އަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އެކަމުގެ ހިތާމަ ފާޅުކުރަމުންނެވެ.