Last Updated: April 26, 17:40
Friday, April 26, 2024
ޚަބަރު

ފިލްމް"ސޫރްޔަވަންޝީ" ތިއޭޓަރުތައް ހުޅުވުމާއެކު ރިލީޒް ކުރަނީ

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސޫރްޔަވަންޝީ" ތިއޭޓަރުތައް ހުޅުވުމާއެކު ރިލީޒް ކުރެވޭނެ ކަމަށް ފިލްމް އުފެއްދި ފަރާތުން ބުނެފިއެވެ.

ފިލްމްގެ ޕްރޮޑިއުސަރ ރޯހިތު ޝެއްޓީ ޕްރެސް ކޮންފަރެންސެއްގައި ފިލްމް ރިލީޒް ކުރެވޭ ތާރީޚާއި ބެހޭގޮތުން ކުރެވުނު ސުވާލުތަކަށް ޖަވާބު ދެމުން ބުނެފައިވަނީ ސުވާލަކީ ތިއޭޓަރުތައް ހުޅުވެނީ ކޮން ދުވަހެއްގައި ކަމަށެވެ. ތިއޭޓަރުތައްް ހުޅުވުމާއެކު މުޅި އިންޑިއާގައި ފިލްމް ރިލީޒް ކުރެވޭނެ ކަމަށް ރޯހިތު ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން އިންޑިއާގެ ހާލަތު ވަރަށް ބޮޑަށް ދަށަށްގޮސް ގިނަ ސިޓީތައް ވަނީ ލޮކްޑައުން ކުރެވިފައެވެ. އޭގެ ސަބަބުން ފިލްމީ މަސައްކަތް ކުރާ ގިނަ ފަރާތްތަކަށް ވަނީ ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައެވެ.

މިފިލްމް ފުރަތަމަ ރަސްމީކޮށް ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ. ފަހުން އެތާރީހު ބަދަލު ކޮށް ޖޫން 2020 އަށް ވެސް ހަމަޖެހުނެވެ. އެއަށްފަހު އަނެއްކާވެސް މި އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހަށް ރިލީޒް ކުރުން ޝެޑިއުލް ކުރެވުނެވެ.

ރޯހިތު ބުނީ މިވަގުތު ފިލްމަށްވުރެ މުހިއްމީ ގައުމުގެ އެންމެހާ ރައްޔިތުން ވެކްސިން ޖެހުން ކަމަށެވެ. އެއަށްފަހު އާދައިގެ ހާލަތެއްގައި އުޅުމުގެ ފުރުސަތު ފަހިވެދާނެ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ފިލްމުގައި އަކްޝޭ ކުމާރުގެ އިތުރުން އަންހެން ލީޑް ރޯލުން ފެނިގެންދާނީ ކެޓްރީނާ ކެއިފްއެވެ. އަދި އަޖޭ ދޭވްގަން އަދި ރަންވީރް ސިންގް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

"ސޫރްޔަވަންޝީ" އަކީ ރޯހިތު އުފެއްދި ކޮޕްސް ސިލްސިލާގެ 4 ވަނަ ފިލްމެވެ.