Last Updated: June 25, 09:16
Wednesday, June 25, 2025
ޚަބަރު

ރައީސްގެ އިސްތިއުފާއަށް ގޮވާ މެމްބަރުން އެމްޑީޕީން ވަކިކުރަން ގޮވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ގޮވާ މެމްބަރުން އެމްޑީޕީން ބޭރުކުރަންޖެހޭ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައިފިއެވެ.

މޫސަ މިކަމަށް ގޮވާލާފައިމިވަނީ ކެބިނެޓް އުވާލައި ރައީސް ސޯލިހު އިސްތިއުފާ ދެއްވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ސަރުކާރާ އިދިކޮޅަށް ތެދުވެ ރައީސް ސޯލިހުގެ އިސްތިއުފާ އަށް ގޮވާ ޕާޓީގެ އުސޫލުތަކާ ހިލާފުވާ މެމްބަރުން ވަގުތުން ޕާޓީން ވަކިކުރަންޖެހޭ ކަމަށެވެ.

"މީގެކުރިން އެމްޑީޕީ މެމްބަރުންނާ މެދު އަމަލުކޮށްފައި ހުރީ މި އުސޫލުން. މިކަން ނުކޮށްފިނަމަ އިންސާފާއި ހަމައިން ނެއްޓި އެމްޑީޕީ ހަލާކުވާނެ" މޫސަ ވިދާޅުވިއެވެ.

"ނަފްރަތުގެ އަމަލު ހިިންގުން" ކުށަކަށް ހެދުމަށް ޤާނޫނުލްއުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ މި ބިލު ހުށަހެޅީ ސަރުކާރުގެ ފަރާތުން ކަމަށާއި، އަދި ބިލާއި ދެކޮޅަށް ވާހަކަ ދައްކަނީ ވެސް ސަރުކާރުން ކަމަށެވެ.

ބޮންޑޭ ވިދާޅުވީ މި އިސްލާހަކީ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެހެން ދިމާލަކަށް މިސްރާބު އަނބުރާލުމަށް ރާވާފައި އޮތް އެއްޗެއްކަމަށާއި އަދި މިދަލުގައި ރާއްޖޭގެ ރައްޔިތުން ވަރަށް ރަނގަޅަށް ޖެހިފައިވާކަމަށެވެ. ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ޕާލިމެންޓަށް އަދި ޑިމޮކްރަސީއަށް ދިން ހަމަލާއެއްކަމަށެވެ.

އަދި މިސްރާބު އަނބުރާލުމަށް މި ބިލު ހުށަހަޅާފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްތިއުފާ ދެއްވުމަށް އަދި ކެބިނެޓް އުވާލުމަށް ބޮންޑޭ ގޮވާލައްވާފައިވެއެވެ.

ބޮންޑޭ ވިދާޅުވީ ރާއްޖޭގައި ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތް ފަރާތަކީ ރައީސް ނަޝީދު ކަމަށާއި، އެމަނިކުފާނު އެކަނިވެސް އެއް ލައްކަ ވޯޓު ހޯދާފައިވާކަމަށެވެ. ކުރިއަށް އޮތީ ރިޔާސީ އިންތިހާބުކަން ފާހަގަކޮށް ބޮންޑޭ ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ވޯޓެއް ލިބެނީ "ލާދީނީ" ގޮވައިގެންކަމަށެވެ.