Last Updated: April 23, 14:49
Tuesday, April 23, 2024
ޚަބަރު

ނަފުރަތުގެ ބިލްގެ "ނަފުރަތު" ރައީސަށް!

ނަފްރަތުގެ އަމަލުތައް ހުއްޓުވުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުން ނިކުން ނަތީޖާ އަކީ ސަރުކާރުން އުއްމީދު ކުރި ކަހަލަ ނަތީޖާއެއްް ނޫނެވެ. ދީނާ ގުޅޭ ގޮތުން މީހުންގެ ބޮލުގައި އަޅުވާ އިލްޒާމް ތަކާއި އަދި ދައްކާ ވާހަތަކުން އުފެެދޭ ނަފުރަތު ކުޑަކުރުމުގެ މަގުސަދުގައި ކަމަށް ބުނެ ހުށައެެޅި އެ ބިލުން ރައީސް ސޯލިހާމެދު އުފެދުނީ އިތުރު ނަފުރަތެވެ. ސަރުކާރާމެދު އޮތް ނަފްރަތުގެ ހުޅުގަނޑު އަލަށް ފަޅަ ފަޅައިގެން ގޮސްފި އެވެ.

މި ބިލުވީ ސަރުކާާރާ މެދު ނަފުރަތު އުފައްދަން "ސިޔާސީ ހަތިޔާރަކަށް"

މި ބިލުގެ ސަބަބުން ފުރަތަމަ ހިތްހަމަ ނުޖެހުން އައީ އިދިކޮޅު ފަރާތްތަކާއި ދީނީ އިލްމެވެރިންގެ ފަރާތުންވެ. ގާނޫނުލް އުގޫބާތައް ހުށައެޅި އެ އިސްލާހަކީ ނުބައި ހީލަތްތެރި ރޭވުމެއްކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ރައްޔިތުން "ބޮޑަށް ކައްކުވާލަން" މި ބިލް ބޭނުންކުރި އެވެ. ސަރުކާރާމެދު ރައްޔިތުންގެ ހިތުގައި ނަފުރަތު އުފައްދަން "ސިޔާސީ ހަތިޔާރަކަށްވެސް" މި ބިލް ބޭނުން ކުރި އެވެ. މިބިލާ ގުޅުވައި ސަރުކާރުގެ ބޮލުގައި "ލާދީނީ"ޓެކް އަނެއްކާވެސް އަޅުވާ އެ ވާހަކަތައް އިތުރުވީ އެވެ. ނަތީޖާއެއް ގޮތުން މި ބިލާ ގުޅިގެން މި ސަރުކާރަށް ތާއިދު ނުކުރާ ފަރާތްތައް އިތުރަށް ހޫނުވި އެެވެ

"މިއީ ވަރަށް ޔަހޫދީ ވިސްނުމެއްގައި ގެނެވޭ އިސްލާހުތަކެއްކަން އަޅުގަނޑު ފާހަގަކުރަން" ސަރުކާރުން ފޮނުވި ބިލަށް ރައްދު ދެއްވަމުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެފައިވެ އެވެ.

ސަރުކާރު ގެންްނަން އުޅުނު މީހުންގެ ނަފުރަތުގެ ފެށުމަކަށް

ގިނަ ދީނީ އިލްމްވެރިންގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް ސޯލިހަށް މި ބިލުވީ އެމަނިކުފާނު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރި ދީނީ އިލްމްވެރިންގެ ނަފުރަތު ސަރުކާރަށް އަމާޒުވި ބިލަކަށެވެ. އެގޮތުން އެންމެ ގިނަ ދީނީ އިލްމެވެރިން ތިއްބެވި އަދާލަތު ޕާޓީ އާއި އެ ޕާޓީގެ އިލްމްވެރިން ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކާފައި އެވެ. އެގޮތުން "އެ އިސްލާހުގެ ސަބަބުން މުޖުތަމައުގައި ނަފްރަތު އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައި އެވެ. މިއީ ސަރުކާރުގައި އޮވެ އަދާލަތު ޕާޓީން ސަރުކާރުން ހުށައެޅި ބިލަކަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅު ހެދި ފުރަތަމަ ފަހަރެވެ.

"އަދި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ މި ބުނެވުނު މާއްދާތަކަކީ އިސްލާމީ ޝަރީޢަތާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާވެސް ޚިލާފު އިޞްލާޙުތަކެއްކަމުގައިވުމެވެ. މިބުނެވުނު ދެ ކުށް ބަޔާންކުރެވިފައިވަނީ އެކި މާނަ ދޭހަވާ އިބާރާތުން، ޚިޔާލުފާޅުކުރުމުގެ ޙައްޤަށް އުނިކަން އަންނަގޮތަށް އަދި އިސްލާމީ މުޖްތަމަޢެއްގެ މުސްލިމުންގެ މައްޗަށް ކޮންމެހެން ވާޖިބްވެގެންވާ ހެޔޮކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން ނަހީ ކުރުމުގެ މުހިންމު ޒިންމާ އުފުލުމަކީ ޤާނޫނީ ކުށެއްކަމަށް ކަނޑައެޅޭ ބީދައިންނެވެ." ނަފުރަތުގެ ބިލާ ގުޅޭ ގޮތުން އަދާލަތު ޕާޓީން ތައްޔާރުކުރި ކަރުދާހުގައިވެއެވެ.

ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމް އާއި ޖޭޕީންވެސް މި ބިލާ ސީދާ ދެކޮޅެވެ. އެހެން ކަމުން މި ބިލުވީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ސަރުކާރުން ކުރަން އުޅޭ ކަމަކަށް ދެކޮޅު ހެދުމުގެ ފެށުމަކަަށެވެ. ކޯލުޝަނުގެ ނަފުރަތުގެ ފެށުމަކީ ވެސް މިއީ ކަމަށް ވެދާނެ އެވެ.

މި ބިލަކީ ބަންޑާރަނައިބުގެ އޮފީހުން މިހާތަނަށް ހުށަހަޅާފައިވާ އެންމެ ފެންވަރު ދަށް ބިލު ކަމަށް ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖޭޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވަނީ ސިފަ ކުރައްވާފައި އެވެ. އޭނާ ވިދާޅުވެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން މިފަދަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީތީ ދެރަވާކަމަށެވެ. އަލީ ހުސައިން ވިދާޅުވީ މި ބިލު ޑްރާފްޓް ކޮށްފައިވަނީ އާންމުކޮށް އެޓަރނީ ޖެނެރަލްގެ އޮފީހުން ބިލު ޑްރާފްޓް ކުރާ ގޮތަށް ނޫންކަމަށެވެ. އޭޖީ އޮފީހުގެ ބައެއް ވަކީލުން މި ބިލާއި ދެކޮޅު ހަދާފައި އެބަހުރި ކަމަށާއި، އެހެންނަމަވެސް އެޓަރނީ ޖެނެރަލް އިބްރާޙިމް ރިއްފަތު މި ބިލު ފޮނުވުމަށް ބޭނުންފުޅުވެލެއްވުމުން އޭޖީ އޮފީހުގެ ތައްގަނޑު ޖެހުމަށްފަހު ބިލު ފޮނުވީ ކަމަށެވެ

މި ބިލާ ގުޅޭ ގޮތުން ސަރުކާރަށާއި އެމްޑީޕީއަށް އަމާޒުވަމުންދިޔަ ނަފުރަތުގެ ބަސްތަކުން ސަރުކާރަށް އަރައިނުގަނެވި އުޅެނިކޮށް ރައީސް ސޯލިހް ނިސްބަތްވެވަޑައި އެމްޑީޕީގެ މެމްބަރުންގެ ރުޅިވެސް އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ. އެކަމު ތަފާތު ގޮތަކަށެވެ. އެއީ ސަރުކާރުގެ އެތެރެއިންނާއި ބޭރުން އައި ފިއްތުންތަކަށް ސަރުކާރުން އަޅާ ނުލާ އޮންނަނީ ކަމަށްބުނެ ރައީސް ސޯލިހަށް ދިން ބަހުގެ ހަމަލާތަކެވެ. މި ބިލް ކޮމެޓީން ނިމިގެން އައިރު އެމްޑީޕީގެ ބައެއްް މެމްބަރުންގެ ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ގޮސްފި އެވެ. އެންމެ ފަހުން ރައީސް ސޯލިހް އިސްތިއުފާއަށް ވެސް މި ބިލުގެ ބަހުސްގެ ތެރެއިން އެމްޑީޕީ މެމްބަރުން ގޮވައިފި އެވެ.

ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވީ އެ ބިލް ދިފާއުކުރަން ސަރުކާރުން މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ އެވެ. އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވި ގޮތުން ސަރުކާރުން ބިލު ފޮނުއްވާފައި އެއީ ހިސާން ހުސެއިން ބިލެއް ކަމަށް ބުނެ ރެކި ގަތީ އެެވެ. އޭނާ ވަނީ ސަރުކާރުގެ އަމަލުތައް ހުރި ގޮތައް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި އެވެ. އޭގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ފަދަ ބޭފުޅުންގެ ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ގޮސް ސަރުކަރާއި ރައީސަަށް އަމާޒުކޮށް އުދާސްތައް ވަނީ ބޭރުކޮށްލާފައި އެވެ.

"މި ބިލު މި ތަޅުމަށް ލައިގެން ވޭތުވި ދޮޅު މަހެއްހާ ދުވަހު ހާސިލްވީ އެންމެ މަގުސަދެއް. އެއީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ނުރައްކަލާއި މަރުގެ ތުންފަތް މައްޗަށްލުން އެކަނި. ސަރުކާރުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ސަރުކާރުގެ އެޓާނީ ޖެނެރަލް ފިޔަވާ އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރާގެ މެންބަރު އެވަރަށް މަރަން މަރަން މަރަން، ލާދީނީ ލާދީނީ ލާދީނީ، ގޮވި އިރު އެންމެ ބޭފުޅަކުވެސް ތުޅާދޫ ދާއިރަގެ މެންބަރު ހިސާން ހުސައިން ދިފާއުކޮށް ނުދެއްވާ." އެ ބިލާ ގުޅޭ ގޮތުން އިވާ ވިދާޅުވިއެވެ.

"ރައިސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން، ހިތްވަރު ނެތިއްޔާ ނުކުރާނީ މިކަހަލަ ކަންކަން. ހަމަ ނެއްޓިލާފަ، ހިސާނުގެ ބިލު، ދައުލަތުގެ މީޑިއާއިން ޕީއެސްއެމުން މި ބިލަށް ހިސާނުގެ ބިލް. އިސްލާމްދީނަށް ތައުހީނުކުރުން މަނާކުރާ ބިލުވީމާ ސަރުކާރުގެ ބިލް. މި ފާޑަށް ކަންތައް ނުކުރާށޭ." ވައްޑެ ވިދާޅުވެފައި އެވެ.

ނަފުރަތުގެ އަމަލުތައް ހުއްޓުވަން ސަރުކާރުގެ ފަރާތުން ހުށައެޅި މިބިލަކީ މިހާތަނަށް ސަަރުކާރަށް އަމާޒުކޮށް އެންމެ ގިނަ ބަޔަލު ނަފުރަތުގެ ބަސްތައް އަމާޒުކުރި ބިލެވެ. ނަމަވެސް އެ ނަފުރަތާއެކު ސަރުކާރުން ދެން އަމަލުކުރާނީ ކިހިނެތް ތޯ އެއީ ސުވާލެކެވެ.