Last Updated: April 20, 16:20
Saturday, April 20, 2024
ރިޕޯޓް

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެތައް ރޭވުމެއް!

ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގަތީންސުރެއް ރައީސް މުހައްމަދު ނަޝީދަށް އަމާޒުވާ އެންމެ ބޮޑު އެއް ފާޑުކިޔުމަކަށް އޮތީ "ލާދީނީ" ޓެގު އެމަނިކުފާނުގެ ބޮލުގައި އެޅުވުމެވެ. ދީނާ ދުރު އަދި ލާދީނީ މީހެއްގެ ގޮތުގައި އެމަނިކުފާނު ލޭބަލް ކުރުމުގެ ނަތީޖާއަކަށް ވެފައި މިވަނީ ހަރުކަށި ފިކުރުގެ ބަޔަކު އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާއެއް ދިނުމެވެ.

ހަމަލާއާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ކުރިއަށް ގެންދިޔަ އިންކުއަރީއަށްފަހު އެކުލަވާލި ރިޕޯޓުން ހާމަވެގެން ދިޔައި އަދި މާ ބިރުވެރި ވާހަކަތަކެކެވެ. އެތައް ފަހަރެއްގެ މަތިން އެމަނިކުފާނު މަރާލުމަށް ހަރުކަށި ފިކުގެ މީހުން ރާވާ އެމަނިކުފާނަށް ފާރަލާފައިވާކަމެވެ. ރައިސް ނަޝީދު މަރާލުމަށް 2018 ވަނަ އަހަރުން ފެށިގެން އެތައް ފަހަރަކު ހަރުކަށި ފިކުރުގެ މީހުން ރާވާފައިވާކަމެވެ.

އެގޮތުން 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ހުވަދު އަތޮޅު ދެކުނުބުރި މަޑަވެއްޔަށް ކުރެއްވި ދަތުރުފުޅެއްގައި ހަރުކަށި ފިކުރު ޤަބޫލުކުރާ ބަޔަކު ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަމުގެ މައުލޫމާތު ލިބިގެން މީހަކު ހައްޔަރުކޮށްފައިވެއެވެ. އަދި އެކަމާ ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ތްރެޓް މަތިކޮށްފައިވެއެވެ.

ސްޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނު ކުރުމުގެ މައްސަލަވެގެން ދިޔައީ އެކަމަށްވެސް ބައެއް މީހުންގެ ފާޑުކިޔުން އަމާޒުވި ކަމަށެވެ. އަދި އެއީ ދީނީގޮތުން ހުއްދަ ކަމެއް ނޫންކަމަށްބުނެ ބައެއް މީހުން ވާހަކަ ދައްކާފައިވެއެވެ. އިންކުއަރީ ރިޕޯޓްގައި ބުނެފައިވާގޮތުން، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަނުކުރުމަށް ނިންމުމާ ގުޅިގެން އެ ނިންމުމާ އެއްކޮޅަށް ވޯޓުދޭ މަޖިލީހުގެ މެމްބަރުންތަކެއް މަރާލާނެ ކަމަށާއި، ރައީސް މުހައްމަދު ނަޝީދަކީ ފުރަތަމަ ޓާގެޓްކަމަށް ހަރުކަށި ފިކުރުގެ މީހުން ހަދާފައިވެއެވެ. އަދި މިކަމާ ގުޅިގެންވެސް އެމަނިކުފާނުގެ ސެކިއުރިޓީ ތްރެޓް މަތިކޮށްފައިވެއެވެ.

މީގެ އިތުރުންވެސް 2019 ވަނަ އަހަރު ސެޕްޓެމްބަރު 3 ވަނަ ދުވަހު ރައީސް ނަޝީދަށް ހަމަލާއެއް ދޭންއުޅޭކަމުގެ މައުލޫމާތު ލިބިފައިވާކަމަށްބުނެ މީހަކު ޓްވީޓް ކުރުމުން އެކަންވެސް ސަލާމަތީ ފަރާތްތަކުން ބަލާފައިވެއެވެ. އަދި 2019 ވަނަ އަހަރު އޮކްޓޫބަރު 17 ގައި "ރައީސް ނަޝީދުގެ ބޮލަށް ވަޅިއެއް އަދި މެޔަށް ފުރޯއެއް ޖަހާފައިވާގޮތަށް އެޑިޓް ކޮށްފައިވާ ފޮޓޮއެއް" ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާތީ އެކަންވެސް ބަލާފައިވެއެވެ.

މީގެ އިތުރުން 2019 ޑިސެމްބަރު 29 ގައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތްކުރާ ކަމަށް ލިބުނު މައުލޫމާތުވެސް އެސެސްކޮށްފައި ވެއެވެ. އެހެންނަމަވެސް އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކޮށްފައިވަނީ ކޮންބައެއްކަން ރިޕޯޓްގައި ވަނީ ސިއްރު ކޮށްފައެވެ.

ރައީސް ނަޝީދު މަރާލުމަށް 2019 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން އެކި މީހުން ރާވާފައިވާއިރު އަދި މަރާލާނެ ކަމުގެ އިންޒާރު އެކި ގޮތްގޮތުން ދީފައިވާއިރު، ޖުލައި 6، 2020 ވަނަ ދުވަހު ވެސް ވަނީ އެފަދަ ވީޑީއޯއެއް އަޕްލޯޑްކޮށްފައެވެ. އެހެންނަމަވެސް ވީޑިއޯ އަޕްލޯޑް ކުރި ތަނަކާއި އޭގެ އިތުރު ތަފްސީލު ވަނީ ރިޕޯޓްގައި ސިއްރުކޮށްފައެވެ. ރިޕޯޓްގައި ބުނެފައިވާގޮތުން މި ވީޑިއޯގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާދިނުމަށް ހިތްވަރުދޭފަދަ މޭރުމުން ވާހަކަދައްކާފައިވާތީވެ ރައީސް ނަޝީދުގެ ތްރެޓް ލެވެލް އިތުރަށް މަތިކޮށްފައިވެއެވެ.

2020 ވަނަ އަހަރު ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ރައްޖޭގެ ހައިލެވެލް ބޭފުޅުންނަށް ހަމަލާއެއް ދިނުމަށް ރާވަމުންދާ ކަމަށާއި، އެގޮތުން އެ ހަމަލާ ރައީސް މުހައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ޓާގެޓް ކޮށްފައިވެއެވެ.

ތަފާތު އެކި ފަހަރުމަތިން ހުއްޓުމެއްނެތި އެކި ރޭވުންތައް ރާވަމުން ދިޔައިރު، 2021 ވަނަ އަހަރުވެސް ތިން ފަހަރެއްގެ މަތިން އެމަނިކުފާނަށް ހަމަލާ ދިނުމަށް އެކިމީހުން ރާވާ އިންޒާރު ދީފައިވާކަން ރިޕޯޓުން ހާމަވެއެވެ. އެގޮތުން ޖެނުއަރީގައި މަޖިލީހާއި މެމްބަރުންނަށް އަމާޒުކޮށް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ޤަބޫލުކުރާ ފަރާތްތަކުން ޓެރަރިޒަމްގެ އަމަލެއް ހިންގުމުގެ ވިސްނުން ގެންގުޅޭކަމުގެ މައްޗަށް ބަލައި ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ތަކެއް ލިބިފައިވެއެވެ.

އަދި ފެބްރުއަރީ 15 ވަނަ ދުވަހު ފޭސްބުކް އެކައުންޓަކުން މަރާލަން ބޭނުންވާ މީހުންކަމަށް ބުނެ ލިސްޓެއް އާންމުކޮށް އިންޒާރުދީފައިވާއިރު އޭގައިވެސް ރައިސް ނަޝީދުގެ ނަން ހިމެނިފައިވާތީ އެކަންވެސް ބަލައި، އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވެއެވެ.

ތަފާތު އެކި ފަހަރު މަތިން 2019 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އެތައް ރޭވުމެއް ބަޔަކު ރާވާ އެތައް އިންޒާރެއް ލިބިފައިވާއިރު، މިއަހަރު އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަކީ ވެސް މިފަދައިން ރޭވިގެން ހިންގިފައިވާ ކަމެއްކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. އަދި މިކަމަކީ ބައެއްގެ ހިތުގައި ދީނާ ގުޅުވައިގެން ރައިސް ނަޝީދާއި މެދު އުފެއްދި ނަފުރަތެއްގެ ސަބަބުން ކޮށްފައިވާ ކަމެއްކަމަށް ބެލުމުގެ ފުރުސަތު ވަރަށް ބޮޑެވެ.