Last Updated: July 22, 18:06
Wednesday, July 22, 2026
ޚަބަރު

އަލިފާނުގެ ހާދިސާ ހިނގި ބަނގްލަދޭޝް ފެކްޓްރީގެ ވެރިޔާ ހައްޔަރު ކޮށްފި

Firefighters work at the scene of a fire that broke out at a factory named Hashem Foods Ltd. in Rupganj of Narayanganj district, on the outskirts of Dhaka, Bangladesh, July 9, 2021. REUTERS/Mohammad Ponir Hossain

އަލިފާނުގެ ހާދިސާ ހިނގި ބަނގްލަދޭޝް ފެކްޓްރީގެ ވެރިޔާ ހައްޔަރު ކޮށްފިއެވެ.

މި މައްސަލައިގާ ފެކްޓްރީގެ ވެރިޔާގެ އިތުުރުން އޭނާގެ 4 ދަރިން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ބަނގްލަދޭޝްގެ ފުލުހުން މައުލޫމާތުދެއެވެ.

52 މީހުން މަރުވި ހާދިސާ ހިނގި ފެކްޓްރީގައި އުމުރުން 11 އަހަރުގެ ކުޑަކުދިން ވެސް މަސައްކަތް ކުރަމުން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ވަކި މައްސަލައެއްގެ ގޮތުގައި ކުޑަކުދިން ލައްވާ މަސައްކަތް ކުރުވި މައްސަލަ ބެލުމަށް ފުލުހުން ވަނީ ނިންމާފައެވެ.

ފެކްޓްރީގެ ތެރޭގައި ތަށީވެ އެތައް ބަޔަކު މަރުވެފައިވާ އިރު އަލިފާނުން ރެކެން ވެގެން އިމާރާތުގެ މަތިން ފުންމާލައިގެން ވެސް މީހުން މަރުވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މިހާރު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ނުފެންނަ މީހުން އެބަތިބި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގެއްލިފައިވާ މީހުންތައް ދިރިތިއްބާ ފެނުމުގެ އުއްމީދެއް ނެތް ކަމަށާއި އަނދައިގެން ދިޔައީ ކަމަށް ބެލެވޭ ކަމަށް ވެސް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ވެރިރަށް ޑާކާގެ އިރުމަތިން 25 ކިލޯމީޓަރު ދުރުގައި އޮންނަ ރުޕްގަންޖްގެ ފެކްޓްރީއެއްގައެވެ. ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ރޯވި އަލިފާންގަނޑު 24 ގަޑިއިރު ވެގެން ދިޔައިރު ވެސް އަދިވެސް ދަނީ އަނދަމުންނެވެ.