Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

އަކްޝޭގެ ފިލްމް"ބެލް ބޮޓޮމް"ރިލީޒް ކުރުން އޮގަސްޓް 13އަށް ފަސްކޮށްފި

އަކްޝޭ ކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމް"ބެލް ބޮޓޮމް"ރިލީޒް ކުރުން އޮގަސްޓް 13އަށް ފަސްކޮށްފިއެވެ.

އެންމެ ފުރަތަމަ މި ފިލްމް ރިލީޒް ކުރެވޭނެ ކަމަށް ބެލެވުނީ ޖޫން 15 އެވެ. އެހެން ނަމަވެސް އިންޑިއާގައި ކޮވިޑްގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށް ތިއޭޓަރުތައް ބަންދު ކޮށްފައި ވުމުގެ ސަބަބުން މި ފިލްމްގެ ރިލީޒް ކުރުން ވަނީ ޖުލައި 27 އަށް ލަސްކުރެވިފައެވެ. އެހެން ނަމަވެސް ތަޖުރިބާ ކާރުން ބުނާ ގޮތުގައި މި މަސް ނިމޭހާތަނަށް ވެސް ލޮކްޑައުން ނަގާ ތިއޭޓަރުތައް ހުޅުވޭނެ ފަދަ ހާލަތަކަށް އައުމަކީ ނާދިރު ކަމެކެވެ. އެހެން ކަމުން އަނެއްކާ ވެސް މި ފިލްމްގެ ރިލީޒް ކުރެވޭ ތާރީޚް މިވަނީ އޮގަސްޓް 13 އަށް ފަސްކުރެވިފައެވެ.

ފިލްމްގެ ރިލީޒިންގ ތާރީޚާއި ބެހޭގޮތުން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރާޖަސްތާންގެ ލީޑިންގ ޑިސްޓްރިބިއުޓަރ އަދި މަލްޓިޕްލެކްސް އޯނަރެއް ކަމަށްވާ ރާޖް ބަންސަލް ބުނެފައިވަނީ މި މަސް ނިމޭއިރުވެސް ތިއޭޓަރުތައް ހުޅުވޭނެކަމުގެ ޔަގީންކަމެއް ނެތުމުގެ ސަބަބުން ފިލްމް އޮގަސްޓްމަހު ރިލީޒް ކުރާ ގޮތަށް ހަމަޖެއްސީ ކަމަށެވެ. ފިލްމްގެ ޕްރޮޑިއުސަަރ ވަޝޫ ބަގްނާނީގެ ބަހެއް މިކަމުގައި އަދި ލިބިފައިނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމް "ބެލް ބޮޓޮމް" އަކީ ސްޕައި ތްރިލާއެކެވެ. މި ފިލްމުގައި އަކްޝޭ ކުމާރުގެ އިތުރުން ހުމާ ގްރެއިޝީ ލާރާ ދައްތާ، އަދި ވާނީ ކަޕޫރު ފެނިގެންދާނެއެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައިވަނީ ރަންޖީތް ތިވާރީއެވެ.