Last Updated: April 20, 17:32
Saturday, April 20, 2024
ޚަބަރު

ކަރަން ޖޯހަރު އަނެއްކާ ވެސް ގިނަ ތަރިން ހިމަނައިގެން ފިލްމެއް އުފައްދަނީ

މަޝްހޫރު ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި އެކްޓަރެއް ކަމަށްވާ ކަރަން ޖޯހަރު ޒަމާންތަކަކަށް ފަހު އަނެއްކާ ވެސް ގިނަ ތަރިންތަކެއް ހިމަނައިގެން ފިލްމެއް އުފައްދަން ތައްޔާރު ވެއްޖެއެވެ.

މި ފަހަރު އުފައްދާ ފިލްމުގައި ގިނަ ސުޕަރ ސްޓާރުން ހިމެނުމަށް ކަރަން ވަނީ ނިންމާފައެވެ. އޭނާގެ އެންމެ ފަހުން ފެނިގެންދިޔަ ގިނަ ތަރިން ހިމެނޭ ފިލްމް ކަމަށްވާ"ކަބީ ޚުޝީ ކަބީ ޣަމް" ވެގެން ދިޔައީ ބްލޮކްބަސްޓާއަކަށެވެ. މި ފަހަރުގެ ތަރިންގެ ތެރޭގައި ހިމެނެނީ، ދަރްމެންދްރާ، ޖާޔާ ބައްޗަން، ރަންވީރް ސިންގް. އާލިޔާ ބަޓް، އަދި ޝަބާނާ އަޒްމީއެވެ.

މާދަމާގެ ވަގުތެއްގައި ރަންވީރް އަދި އާލިޔާއާއެކު ކަރަން މި ފިލްމުގެ ނަން ހާމަކުރާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ކުރިޔަށް ހުރި ދުވަސްތަކުގައި ފިލްމާއިބެހޭ އިތުރު މައުލޫމާތުތައް ބެލުންތެރިންނާއި ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް ކަރަން ވަނީ ބުނެފައެވެ.

ކަރަން ޖޯހަރު އެނބުރި ޑައިރެކްޝަނަށް އައިސްފައިވަނީ 5 އަހަރު ފަހުންނެވެ. އެއީ އޭނާގެ އެންމެ ފަހުގެ ފިލްމް ކަމަށްވާ "އޭ ދިލް ހޭ މުޝްކިލް" އަށް ފަހުންނެވެ. އެ ފިލްމުގައި ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ އަނުޝްކާ ޝަރްމާ، އައިޝްވަރްޔާ ރާއީ ބައްޗަން އަދި ރަންބީރް ކަޕޫރެވެ.