Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މެޗް ނުފެށެނީސް އިންގްލޭންޑްގެ ސަޕޯޓަރުން އުފާފާޅުކުރަން ފަށައިފި

ޔޫރޯ 2020 ގެ ފައިނަލް މެޗް ފެށުމަށް ވަގުތު ކުޑަތަން ވަމުން އަންނައިރު އޭގެ އެތައް ގަޑިއިރު ކުރީއްސުރެ އިންގްލޭންޑްގެ ސަޕޯޓަރުން ޕާޓީތައް ބާއްވާ އުފާފާޅު ކުރަން ފަށައިފިއެވެ.

އިންގްލޭންޑް އަދި އިޓަލީ ބައްދަލު ކުރާ ފައިނަލް މެޗުން އިންގްލޭންޑް ތަށިގެންނާނެ ކަމަށް އެ ގައުމުގެ ރައްޔިތުން ޔަގީންކޮށްފި ކަހަލައެވެ. ހެނދުނުއްސުރެ މެޗް ކުޅުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ބޭރުގައި މީހުން ވަނީ ސަފުހަދަން ފަށާފައެވެ. 60،000 ސަޕޯޓަރުން ވަންނާނެ ކަމަށް ބެލެވޭ ސްޓޭޑިއަމަށް ވަނުމަށް އެއްވެފައިތިބި މީހުން ދަނީ އިންތިހާއަށް އުފާފާޅު ކުރަމުންނެވެ.

1966 ވަނަ އަހަރަށްފަހު އިންގްލޭންޑަށް ތަށި ލިބޭނެ ކަމަށް އެމީހުން އުއްމީދު ކުރާ މި މުބާރާތުގެ ފައިނަލްގައި ކުޅޭ އިންގްލޭންޑް ޓީމަށް ސަޕޯޓް ކުރުމުގެ ގޮތުން އިނގިރޭސި ރާނީ އަދި ބޮރިސް ޖޯންސަން ވަނީ މެސެޖް ފޮނުވާފައެވެ.

ޓީމްގެ މެނޭޖަރ ގެރެތު ސައުތުގޭޓް ވަނީ ސަޕޯޓަރުން މުބާރާތުގައި ހުރިހާ ހިސާބެއްގައި ވެސް ޓީމަށްދިން ހޫނު ސަޕޯޓް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރާ ކަމަށް ބުނެފައެވެ.

ކެފޭތަކާއި ޕަބްތައް އިތުރު 45 މިނިޓަށް ހުޅުވާފައި ހުންނަން ސަރުކާރުން ވަނީ ހުއްދަ ދީފައެވެ. އެއީ އިތުރު ވަގުތު ކުޅެންޖެހި ނުވަތަ ޕެނަލްޓީއާއި ހަމަޔަށް ގޮސްދާނެތީ އެ ވަގުތު މީހުންނަށް ދިނުމަށެވެ. ސްކޫލް ކުދިން ހޯމަ ދުވަހު ލަހުން ސްކޫލަށް ހާޒިރުވުން ވެސް މައްސަލައެއް ނެތް ކަމަށް ވަނީ ނިންމާފައެވެ.

މިހާރުއްސުރެ ޕަބްތަކާއި ކެފޭތަކުގެ ޖާގަ ވަނީ ފުލްވެފައެވެ. އާންމުން ވަނީ ބޮޑެތި ސަރަހައްދުތަކުގައި މެޗް ބެލޭނެ އިންތިޒާމް ހަމަޖައްސާފައެވެ. މިއީ ސްޓޭޑިއަމަށް ނުވަދެވޭ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމް ތަކެވެ.

ލަންޑަންގެ މަގުތަކުގައި ލަވަޖެހުމާއި ދުންމާރި ފުމެން ވަނީ ފަށާފައެވެ. ފުލުހުން ވަނީ ސަޕޯޓަރުން އެމީހުންގެ އަމިއްލަ ސަލާމަތަށް ބަލައިގެން ކަންތައް ކުރުމަށް އަންގާފައެވެ.

ދެން އޮތީ ސުވާލެކެވެ. މި މެޗުން މޮޅުވާނީ ކޮންބައެއް ބާވައެވެ؟ "އިޓްސް ކަމިންގ ހޯމް" ނޫނީ "އިޓްސް ގޮއިންގ ރޯމް" އޮތީ މި ދެ ގޮތެވެ.