Last Updated: April 18, 11:45
Thursday, April 18, 2024
ކުޅިވަރު

ޕެނަލްޓީން އިންގްލޭންޑް ބަލިވުމުގެ ޒިންމާ ނަގަން: ސައުތްގޭޓް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހަންވާ ކުޅުންތެރިން ނިންމީ އޭނާ ކަމަށާއި ބަލިވުމުގެ ޒިންމާ ފުރިހަމަ އަށް ނަގާ ކަމަށް އެޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނެފިއެވެ.

ފައިނަލްގައި ރޭ އިޓަލީއާ ބައްދަލުކޮށް އިންގްލޭންޑް ބަލިވީ ޕެނަލްޓީގައި 3-2 އިން ކަމަށްވާއިރު، އިންގްލޭންޑުގެ ތިން ކުޅުންތެރިން ކަމަށްވާ މާކަސް ރަޝްފޯޑް އާއި ޖޭޑަން ސަންޗޯ އަދި ބަކާޔޯ ސަކާ ޖެހި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މީގެތެރެއިން ރަޝްފޯޑް އާއި ސަންޗޯ އަކީ މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ސީދާ ޕެނަލްޓީއަށް އެރުވި ދެ ކުޅުންތެރިންނެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ސައުތްގޭޓް ބުނީ ބަލިވުމުގެ ޒިންމާ ނަގާ ކަމަށާއި އެގޮތުން ޕެނަލްޓީ ޖަހަންވާ ކުޅުންތެރިން ނިންމީ އޭނާ ކަމަށެވެ. އަދި އެއީ އެއްވެސް ކުޅުންތެރިއަކު އަމިއްލަ އަށް ނިންމި ނިންމުންތަކެއް ނޫން ކަމަށާއި ޓީމު މޮޅުވިޔަސް އަދި ބަލިވިޔަސް އެކަން ވާނީ ޓީމެއްގެ ގޮތުގައި ކަމަށްވެސް ސައުތްގޭޓް ބުންޏެވެ.

"ފަރިތަކުރުންތަކުގައި ޕެނަލްޓީ އަށް ފަރިތަކުރިން. ޕެނަލްޓީ ޖަހަންވާ ކުޅުންތެރިންގެ އޯޑަރު ކަނޑައެޅީ ވެސް އެއަށްފަހު. ކޯޗެއްގެ ހައިސިއްޔަތުން އެއީ އަހަރެން ނިންމި ނިންމުމެއް" އޭނާ ބުންޏެވެ.

ރޭގެ ފައިނަލުން އިންގްލޭންޑް ބަލިވިއިރު 1966 ވަނަ އަހަރަށްފަހު އިންގްލޭންޑަށް ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.