Last Updated: April 24, 12:56
Wednesday, April 24, 2024
ކުޅިވަރު

ބޮނޫޗީ، އިންގްލޭންޑް ސަޕޯޓަރުންނަށް: ގިނައިން ކާންވީ ޕާސްތާ!

ގިނައިން ކާންވީ ޕާސްތާ ކަމަށް ބުނެ އިނގިރޭސި ސަޕޯޓަރުންނަށް، ޔޫރޯގެ ޗެމްޕިއަންކަން ހޯދި އިޓަލީގެ ޑިފެންޑަރު ލިއަނާޑޯ ބޮނޫޗީ މެސެޖެއް ފޮނުވައިފިއެވެ.

ޕެނަލްޓީގައި ރޭ 3-2 އިން އިންގްލޭންޑް ބަލިކުރުމަށްފަހު އިޓަލީން ތަށި ހޯދިއިރު، މިއީ 1968 ވަނަ އަހަރަށްފަހު އިޓަލީން ޔޫރޯ ކާމިޔާބުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗަށްފަހު ދަނޑުގެ ވަށައިގެން އިޓަލީ ޓީމު ހިނގި ވަގުތު ބޮނޫޗީ ވަނީ އިނގިރޭސި ސަޕޯޓަރުންނަށް އިޝާރާތްކޮށް "ގިނައިން ކާންވީ ޕާސްތާ" ކަމަށް ބުނެފައެވެ. އަދި ބޮނޫޗީ ވަނީ ދަނޑުގައި ހުރި ކެމެރާއެއް އޭނާގެ މޫނާއި ކައިރި ކުރުމަށްފަހު އިނގިރޭސިން ފުޓުބޯޅައިގައި ބޭނުން ކުރަމުންދާ "އިޓްސް ކަމިންގް ހޯމް" ސްލޯގަންއަށް ޖޯކު ޖަހާ "އިޓްސް ކަމިންގް ޓު ރޯމް" އޭ ތަކުރާރުކޮށް ބުނެފައެވެ.

މީގެއިތުރުން މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޮނޫޗީ ވަނީ ތަށި ހަވާލުކުރުމުގެ ކުރިން ދަނޑުގައި ތިބި އިނގިރޭސި 65،000 ސަޕޯޓަރުން ދަނޑު ދިޔުމަކީ ޝައުގުކުރިވި ކަމެއް ކަމަށާއި ޔޫރޯގެ ތަށްޓަކީ ރޯމް އަށް ދާނެ އެއްޗެއް ކަމަށްވެސް ބުނެފައެވެ.

"އެމީހުން (އިނގިރޭސި ސަޕޯޓަރުން) ހީކުރީ ތަށި ހުންނާނީ ލަންޑުގައި ކަމަށް، އެކަމަކު ސޮރީއޭ ބުނެވޭނީ. އިޓަލީން އަނެއްކާވެސް މިދިނީ ފިލާވަޅެއް" ބޮނޫޗީ ބުންޏެވެ.

އިޓަލީން ރޭ ޔޫރޯގެ ޗެމްޕިއަންކަން ހޯދިއިރު އެޓީމުން ވަނީ ބަލިނުވެ 34 މެޗު ހަމަކޮށްފައެވެ.